މުޒާހަރާތައް ނުހުއްޓުވޭނެ، ޝުޖާގެ ޝުކުރު ރައްޔިތުންނަށް

މުޒާހަރާތައް ނުހުއްޓުވޭނެ، ޝުޖާގެ ޝުކުރު ރައްޔިތުންނަށް

Author
މުޙައްމަދު ޝަޒައިމް
26 ޖެނުއަރީ 2021 09:38
0

އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގެ މަގުތަކުގައި ކުރާ މުޒާހަރާތައް ނުހުއްޓުވޭނެކަމަށާއި، ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ޝުކުރު ދަންނަވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ މެންދުރު ކުރިއަށްގެންސިޔަ ސީދާ ހަރަކާތުގެ ތެރެއިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ހައްޔަރުކުރިއެވެ. އަދި ޢާންމުންގެ ބައެއް މީހުންވެސް ހައްޔަރުކުރިއެވެ. މީގެ އިތުރުން ރޭ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ވަނީ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ޕީޕީއެމް ޓިކެޓްގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓެއްވެސް ފުލުހުން ހައްޔަރުކޮށްފައެވެ. ނަމަވެސް އެ ހުރިހާ އެންމެން ރޭވަނީ ދޫކޮށްލާފައެވެ.

ބަންދުން ދޫކޮށްލުމަށްފަހު މި ހަރަކާތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މުޒާހަރާތައް ހުއްޓޭނެކަމަށް ގަބުލޫކޮށް އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން ހައްޔަރުކޮށް ބަންދު ކުރުމަކީ މޮޔަކަމެއްކަމަށެވެ. ދިވެހި ރައްޔިތުން ތިބީ މިސަރުކާރުން ދޭ އަނިޔާތަކަށް އާބަސް ބުނާގޮތަކަށް ނޫންކަމަށާއި، ރައްޔިތުން މިސަރުކާރު މަގުމަތިން ހަމަ މަގަމަށް އަޅުވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ދިވެހި ލޮބުވެތި ރައްޔިތުން ދެއްވާ ހިތްވަރާ،ކުރައްވާ ތާއީދަށް އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން.

– ޝުޖާ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި ސީދާ ހަރަކާތަކީ ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށާއި ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލުމަށް ބޭއްވި ހަރަކާތެކެވެ. ޕީޕީއެމް އޮފީސް ކުރިމަތިން ސީދާ ހަރަކާތުގެ ބައިވެރިން މިސްރާބުޖަހާފައި ވަނީ އަމީނީމަގުން އިލެކްޝަންސް ކޮމިޝަން ހުންނަ ސަހަރައްދަށް ދިއުމަށެވެ. ނަމަވެސް ފުލުހުން ސީދާ ހަރަކާތުގެ ބައިވެރިންނަށް ހުރަސް އަޅައި ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ފުލުހުން ހުރަސް އެޅުމުގެ ސަބަބުން ސީދާ ހަރަކާތުގެ ބައިވެރިންނަށް އިންތިޚާބާބެހޭ މަރުކަޒު ކުރިމައްޗަށް އެއްވެ، މަޖީދީމަގަށް އެއްވުމަށް ވަނީ މަސައްކަތްކޮށްފައެވެ. މަޖީދީމަގަށް އެއްވުމަށް ސީދާ ހަރަކާތުގެ ބައިވެރިން ކުރި މަސައްކަތް ހުއްޓުވުމަށް އޭގެތެރެއިން ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އިއްޔެގެ މުޒާހަރާއަކީ ކުއްލިއަކަށް އިންތިޒާމުކޮށްގެން ބޭއްވި އެއްވުމަކަށްވުމުން މާގިނަބަޔަކު އެއްވުމުގައި ބައިވެރިނުވި ނަމަވެސް ގިނަ އަދަދެއްގެ ފުލުހުން ވަނީ މިމުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުުރުމަށް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.