ސަރުކާރުގެ ތެރޭގައި ދީނާއި ޚިލާފް ކަންތައްތަކެއް ނުހިނގާކަމަށާއި، ރާއްޖޭގައި އޮތީ ރައްޔތުންނާއި ގައުމަށް ވެސް ލާބަޔާ މަންފާ ގެނައުމަށް ހިތްވަރާއެކު މަސައްކަތް ކުރާ ސަރުކާރެއް ކަމުގައި އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް ވާދަކުރައްވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތުގެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއަކީ އަބަދުވެސް ޤައުމާއި ދީނާއި، ރައްޔިތުން އިޚުލާސްތެރި މަސައްކަތްތަކެއް ކުރާނެ ޕާޓީއެއްކަމަށެވެ. އަދާލަތުން އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ ކަންކަމަށް ސަމާލުކަން ނުދޭ ސަރުކާރެއްގައި ނުތިބޭނެކަމަށް އިމްރާން ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގެ ތެރެއިން ރައްޔިތުންނަށް ގެއްލުމާއި ނިކަމެތިކަން އަދި އިސްލާމްދީނަށް ގޮންޖަހާ ނިކަމެތިކަން ދޭނަމަ އެ ކޯލިޝަނެއްގައި އަދާލަތު ޕާޓީއެއް ނޯންނާނެ. މި ސަރުކާރުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ނެތް. އޮތީ ރައްޔިތުންނާއި ގައުމަށް ވެސް ލާބަޔާ މަންފާ ގެނައުމަށް ހިތްވަރާއެކު މަސައްކަތް ކުރާ ސަރުކާރެއް.
– އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ސިޔާސީ މަސްރަހަށް ކުރާ އަސަރުތަކާއި ލޮޅުންތަކާއެކު ބައެއް ކަހަލަ ނުފޫޒުތައް އަދާލަތު ޕާޓީގެ ތެރެއަށް ވަންނަމުންދާ ކަމަށާއި ޕާޓީގެ ސަފުތައް ބައިބައި ކުރުމަށްވެސް ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އަދާލަތު ޕާޓީގެ އެތެރޭގެ ކަންކަން ބައެއް ފަރާތްތަކުން ބޭނުންވާ ގޮތަށް ނުދާތީ ޕާޓީ "ކުޑަކޮށްލައި" ބަލިކަށި ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި ޝެއިހް އިމްރާނާއި އެކު ރައީސްކަމަށް ވާދަކުރައްވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ ރަނިން މޭޓެއްގެގޮތުގައި ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދެވެ.
ޢަދާލަތު ޕާޓީގެ އިންތިޚާބު އޮންނަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މިމަހުގެ 27 ވާ ބުދަ ދުވަހުގެ މެންދުރު 2 ގެ ނިޔަލަށް ޢަދާލަތު ޕާޓީގެ މެންބަރެއްގެގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ މެންބަރުންކަމަށް އެ ޕާޓީން ބުނެއެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށްވެސް ޢަދާލަތު ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ