ފުށިފަރު ރިސޯޓުން ޖެޓްސްކީގައި ފުރި ދެ ދިވެއްސެއް ގެއްލިގެން އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގަޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ޖެޓްސްކީގައި ދަތުރުކޮށްފައިވަނީ ފިރިހެނަކާއި އަންހެނެއް ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:05 ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މިދެމީހުން ރިސޯޓުން ފުރާފައިވަނީ މިއަދު ހަވީރު 17:45 ގައި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
މި ދެމީހުންނަކީވެސް ރިސޯޓުގެ މުވައްޒިފުންކަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. މި ދެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުންވެސް މިހާރުދަނީ ކުރަމުންނެވެ. މިދެމީހުން ޖެޓްސްކީގައި ނިކުތީ މަޖަލަށް ދުއްވާލަން ކަމަށާއި، ދެމީހުންވެސް ތިބީ ލައިފް ޖެކެޓް އަޅައިގެންކަމަށެވެ.
އެމްއެންޑިއެފްއިން ބުނެފައިވަނީ ގެއްލިގެން ހޯދަނީ 24 އަހަރުގެ ދިވެހި ފިރިހެނަކާއި، 29 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މި ދެމީހުންގެ ތެރެއިން އަންހެން މީހާ އަތުގައި ފޯނެއް ގެންދިޔަކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި، ފޯނު ރިންގުވި ނަމަވެސް އަދި ފޯނަށް ޖަވާބު ދީފައި ނުވާކަމަށެވެ. އަދި ފޯނާއި ގުޅޭތޯ އެމްއެންޑީއެފް ކޯސްޓްގާޑް މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުން މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ