ރައީސް ޔާމީންގެ ނިޔަތް ގޯސް ކަމަށް ވިދާޅުވާން ދައުލަތާއި، ފަނޑިޔާރުން ލަދުގަންނަންޖެހޭނެ: ޝިޔާމް

ރައީސް ޔާމީންގެ ނިޔަތް ގޯސް ކަމަށް ވިދާޅުވާން ދައުލަތާއި، ފަނޑިޔާރުން ލަދުގަންނަންޖެހޭނެ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2021 05:10
0

ރައީސް ޔާމީންގެ ނިޔަތް ގޯސް ކަމަށް ވިދާޅުވާން ފަނޑިޔާރުންނާއި މުޅި ދައުލަތް ލަދުގަންނަންޖެހޭނެ ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވިި ކުއްލި ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ހައިކޯޓުން ރައީސް ޔާމީންގެ ހުކުމް ދެމެހެއްޓުމަށް ނިންމެވި ދެ ފަނޑިޔާރުން ދެއްކެވި ވާހަކަތަކާއި، ރައީސް ޔާމީންގެ ނިޔަތާގައި ގުޅޭގޮތުން ދައްކެވި ވާކަތަކާއިމެދު އެބޭފުޅުން ލަދު ގަންނަންޖެހޭނެ ކަމަށެވެ. ޝިޔާމް ވިދާޅުވީ ދިވެހި ރާއްޖެއަކީ އަމާން ތަނަކަށް ހެއްދެވުމަށްޓަކައި މިޤައުމުގެ ރައްޔިތުންނަކީ އަމާންކަން ލިބިގެންވާ ބަޔަކަށް ހެދުމަށްޓަކައި އެންމެ ބޮޑު މަސައްކަތްތަކެއް ކުރެއްވީ ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީނަށް ހުކުމްކުރެއްވިކަމަށް ވިދާޅުވެ ރިޢާޔަތް ކުރެއްވި ޤާނޫނުތަކަކީވެސް ރާއްޖޭގެ އަމާންކަމާއި ސަލާމަތްތެރިކަމަށްޓަކައި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އިސްނެގެވުމަށް އެކުލަވާލެވުނު ޤާނޫނުތަކެއް ކަމަށެވެ. މިއަދު މިޤާނޫނުތަކާއި ހަވާލާދީ ރައީސް ޔާމީނަށް ހުކުމް ކުރައްވާއިރު، އެމަނިކުފަނުގެ ނިޔަތާމެދު ސުވާލު އުފެއްދުމަކީ ފަނޑިޔާރުންނާއި މުޅި ދައުލަތްވެސް ލަދު ގަންނަންޖެހޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެބޭފުޅުން ރިޢާޔަތް ކުރެއްވި ޖިނާއީ އިޖުރާތު ޤާނޫނު މަނީލޯންޑާ ކުރުމާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޤާނޫނު، ޤާނޫނުލް އުޤޫބާތު، މިއީ ދިވެހި ރާއްޖޭގައި ހެދިފައިހުރި އެންމެބޮޑެތި ޤާނޫނުތައް. މިޤައުމަކީ އަމާން ޤައުމަކަށް، މިޤައުމަކީ މިނިވަން ޤައުމަކަށް ރައްކާތެރި ޤައުމަށް ހެދުމަށް، އެހެން އެއްވެސް ވެރިއަކަށް ނުގެނިވެފަ ނުކުރެވިފަ ހުރި ޤާނޫނުތައް މިއީ. ކޮބައިތޯ ރައީސް ޔާމީންގެ ނިޔަތަކީ. އެހެން ވީމަ މިދަންނަވަނީ އެދެ ފަޑިޔާރުން ލަދު ގަންނަންޖެހޭނެ. ދައުލަތް ލަދު ގަންނަންޖެހޭނެ ރައީސް ޔާމީންގެ ނިޔަތް އެއީ ގޯސް ނިޔަތެކޭ ކިޔަން. އެމްބަސަޑަރުންގެ ގޮތުގައި ފަޑިޔާރުންގެ ބެންޗަށް އަރުވާފަ އެތިބީ.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކުންނާއި ދިވެހި ރައްޔިތުން މިފަަސްގަނޑުގެ ދިފާއުގައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ގެއްލި އިސްލާމްދީން ދެމި އޮވެދާނެ ކަމާއިމެދުވެސް މިއަދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާކަމަށެވެ.

އަޅުގަނޑުމެން މިކުރަނީ މިޤައުމު އަބުރާ ހޯދުމުގެ މަސައްކަތް. ރައީސް ޔާމީން އަޅުގަނޑުމެންނާއި ހިސާބަށް ގެނައުމަކީ ޤައުމު އަބުރާ ހޯދުމަށް އަޅުގަނޑުމެން ކުރަންޖެހޭ އެންމެބޮޑު މަސައްކަތް. އަޅުގަނޑުމެންގެ ފައިދަށުން މިދަނީ މިލިމީޓަރަކުން، ސެންޓި މީޓަރަކުން، އަކަ ސެންޓި މީޓަރަކުން އަކަ އިންޗިއަކުން، އަކަ ފޫޓަކުންނެއްނޫނޭ މިއަދު. އަޅުގަނޑުމެންގެ ފައިދަށުން މިދަނީ ރަށްރަށުން ސިޓީން، އަޅުގަނޑުމެންގެ މިނިވަންކަން ބީވެގެން މިދަނީ. މިއީ މިއަދު ދިވެހި ޤައުމު ވިސްނަންވީ ކަމަކީ.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކައުންސިލުން ނިންމި ނިންމުމާއިއެކު އިދިކޮޅު ކޯލިޝަނުން މަގުމަތީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް ގެންދާނެކަމަށެވެ. އަދި މިމަސައްކަތް ނިންމާލާނީ ރައީސް ޔާމީން މިނިވަން ވުމުންކަމަށް ޝިޔާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.