ފާރިސް ޚިޔާނާތްތެރިވިކަމަށް ބުނާ މައްސަލަ ދިޔާނާ ފުލުހަށް ހުށައަޅައިފި

ފާރިސް ޚިޔާނާތްތެރިވިކަމަށް ބުނާ މައްސަލަ ދިޔާނާ ފުލުހަށް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
23 ޖެނުއަރީ 2021 04:09
0

މިދިޔަ ރިޔާސީ އިންތިޚާބުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އަތުން ރައީސް މައުމޫން ނެންގެވިކަމަށް ބުނާ ފައިސާގެ ބައެއް ހަވާލުވެވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫންކަމަށް ތުހުމަތުކޮށް، އެފައިސާއަށް ފާރިސް ޚިޔާނަތްތެރިވެފައިވާ މައްސަލަ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސަޢީދު ފުލުހުންނަށް ހުށައަޅައިފިއެވެ.

މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖާބިރު އަތްޕުޅުން ރައީސް މައުމޫން29 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށާއި، ނަމަވެސް އެފައިސާ އަނބުރާ ނުދައްކަވާކަމަށް ޖާބިރު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެފައިސާ ހޯދުމަށް ޖާބިރު ވަނީ2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައަޅާފައެވެ.

މައުމޫނަށް ޖާބިރު ފައިސާ ދެއްވިކަމަށް ތުހުމަތުކުރާ މައްސަލާގައި ދިޔާނާ ވިދާޅުވ ީސިޔާސީ މަސައްކަތަށްކަމަށް ވިދާޅުވެ، ރައީސް މައުމޫން ނެންގެވި 29 މިލިއަން ރުފިޔާގެ ބޮޑުބައެއް ހަވާލުކުރުމަށް ޖާބިރު އޭނާއާ ހަވާލު ކުރެއްވިކަމަށެވެ. އެގޮތުން 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ ރައީސް މައުމޫންގެ ވިދާޅުވުމަށް ދަރިކަލުން ފާރިސް މައުމޫނާއި ހަވާލުކުރެއްވިކަމަށް ދިޔާނާ ވިދާޅުވިއެވެ. އެފައިސާ ހަވާލުކުރުމުގެ ކުރިން ރައީސް މައުމޫނާއި ދަރިކަލުން ފާރިސް ޖާބިރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދިޔާނާވެސް ބައިވެވަޑައިގެންފައިވާކަމަށާއި، ގެރެންޓީއެއްގެ ގޮތުގައި ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ދެއްވުމަށްވެސް ރައީސް މައުމޫން ހުށައެޅުއްވިކަމަށް ދިޔާނާ ވިދާޅުވިއެވެ. ނަމަވެސް ގެރެންޓީއެއްގެ ގޮތުގައި ރައީސް މައުމޫންގެ ބަސްފުޅު ފުދޭކަމަށް ޖާބިރު ވިދާޅުވެ އެ ރަޖިސްޓްރީ ނަންގަވާފައި ނުވާކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ދިޔާވާ ވިދާޅުވީ، މައުމޫނަށް ދެއްވި ފައިސާ މައުމޫނަށް ލިބިވަޑައިގެންފައި ނުވާކަމަށް، އެފައިސާއަށް ޚިޔާނާތްތެރިވެފައިވަނީ ފާރިސް މައުމޫންކަމަށެވެ. އެހެންކަމުން އެމައްސަލަ އަވަސްގޮތެއްގައި ބައްލަވައިދެއްވުމަށް ދިޔާނާ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައެވެ.

އެހެނަސް، ރައީސް މައުމޫނުގެ ބަސްފުޅު ގެރެންޓީއަކަށް ނުވިތަނުގައި އެފައިސާ ހޯދުމަށް ރައީސް މައުމޫންގެ މައްޗަށް ޖާބިރުގެ
ފަރާތުން ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައިވެސް ރައީސް މައުމޫނާގެ ފަރާތްޕުޅުން ވިދާޅުވަނީ ފައިސާ
އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއްވެސް ހެއްކެއް ޙާޟިރު ކުރުމެއްނެތި އެމައްސަލަ މިހާރު ޙުކުމާ ހަމައަށް ގޮސްފިކަމަށް
ޚަބަރުލިބޭ ހިނދު، އާޚިރުގައި މިޚިޔާނާތް އަޅުގަނޑަށް ރައްދު ވުމުގެ އިޙްތިމާލު މަތިވެފައިވާތީ އިސްވެ ބަޔާންކުރި ފަދައިން ޚިޔާނާތުގެ ތަޙްޤީގު
ފާރިޝް މައުމޫންގެ މައްޗަށް ކޮށްދެއްވުން އެދި ދަންނަވަމެވެ. އަދި ތަޙްޤީގުގައި ހެކިހުށަހަޅާނެ ކަމަށްވެސް ދަންނަވަމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

– ދިޔާނާ ސަޢީދުގެ ސިޓީގައިވެއެވެ.

ރައިސް މައުމޫނަށް ދެއްވިކަމަށް ބުނާ ފައިސާގެ މައްސަލާގައި ޖާބިރު ކުރިން ވިދާޅުވެފައިވަނީ، ފައިސާ އަބުރާ ނުދެވުނު ތަނުގައި ވެރިކަން ލިބި މަޤާމުތައް ބެހިއިރު، އެއްވެސް ޑިމޮކްރަޓިކް ކަމެއްގައި ނޫޅުއްވާ ބޭފުޅުންނަށް ބޮޑެތި މަޤާމުތައް ބެއްސެވިއިރު، އަނބިކަނބަލުން ދިޔާނާގެ ނަން ފޮނުއްވަން ނޭގުމަކީވެސް ހިތާމަކުރައްވާކަމެއްކަމަށެވެ. މިއަދު ދައުލަތުން ބޮޑު ޕަސެންޓެއް ރައީސް މައޫނަށް ލިބިފައިވަނީ ޖާބިރުގެ މަސައްކަތުންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޖާބިރު ވިދާޅުވީ އޭނާ އަތުން ނެގި ފައިސާކޮޅުގެ ބަދަލުގައި މޯގޭޖްކުރި ގެވެސް އެއީ މޯގޭޖްކުރި ތަނަކަށް ނުވިކަމަށެވެ. އަދި މިއަދު ފައިސާވެސް ނުލިބި އެއްވެސް ކަމެއް ބަދަލުގެ ގޮތުގައި ނުލިބުމުން މިކަން އަދި މިހިސާބުން ދޫކޮށް ނުލައްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.