އެމްޑީޕީއަށް މާލީ ދަތިތަކެއް ކުރިމަތިވި ނަމަވެސް އެހީތެރިވާނެ ފަރާތްތައް އެބަތިބި ކަމަށާއި، ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ފަސްނުކޮށް އަވަހަށް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ވަނީ ޗެއާޕާސަން އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު ފަސްކުރުމަށް ގައުމީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު ފަސްކުރަން ބޭނުންވަނީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމަށާއި، ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އިންތިހާބު ބާއްވާނެ ފައިސާ ނެތުމުންނެވެ. ނަމަވެސް، އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބު ފަސްކުރުމާ ނަޝީދުގެ އިތުރުން ދެން ވާދަކުރައްވާ ކެންޑިޑޭޓް މީކާއިލް ނަސީމް ވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ތ. ކިނބިދޫގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ވިޔަފާރިވެރިންނާއި އާންމުންގެ ފަރާތުން ޕާޓީއަށް މާލީ އެހީތެރިކަން ލިބޭނެ ކަމަށާއި އެއީ އިންތިހާބު ނުބޭއްވޭ ވަރުގެ އުޒުރެއް ނޫން ކަމަށެވެ. އިންތިހާބު އަވަހަށް ނިންމުމަކީ ޕާޓީއަށް އޮތް އެންމެ ބޮޑު ފައިދާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ އެއްބައިވަންތަކަން ދެމިއޮންނާނީ ވާދަވެރި އިންތިހާބެއް ބާއްވައި، ނާކާމިޔާބުވާ ފަރާތްތަކުން ކާމިޔާބުވާ ފަރާތްތަކުގެ ފަހަތަށް އެރުމުން ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު އިންތިހާބަށް ނުކުމެވަޑައިގަތީ އެއްވެސް ބަޔަކު ބާކީކޮށް، އެއްވެސް ބައެއްގެ ބާރުވެރިކަން ކުޑަކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި ޕާޓީގައި ހުރިހާ އެންމެންނަށް ވެސް ޖާގަ އޮންނާނެ ކަމަށާއި، ނަމަވެސް މެންބަރުން ތިބޭ ގޮތާއި އިންތިހާބު ކާމިޔާބުކުރާ ބަޔަކު އޮޅުންފިލަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ