ކައުންސިލްތަކުގެ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލު ކޮށްފި

ކައުންސިލްތަކުގެ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލު ކޮށްފި

Author
އަހުމަދު
02 މެއި 2026 03:28
0

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލައްވައި، އެ ވުޒާރާގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލީ ވުޒާރާގެ ދަށަށް ބަދަލުކުރައްވައިފިއެވެ.

މި ބަދަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އެންމެ މުނާސަބު ފަރާތަކީ މާލީ ވަޒީރު ކަމަށެވެ. ސަބަބަކީ ދައުލަތުގެ ހުރިހާ ދާއިރާއަކާވެސް އެންމެ ބޮޑަށް ގުޅިފައި އޮންނަނީ މާލީ ވުޒާރާ ކަމަށް ވާތީއެވެ. މި ބަދަލާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ ހައިސިއްޔަތުން ކައުންސިލްތަކުގެ ކަންކަމާ ދެން ސީދާ ޒިންމާވެވަޑައިގަންނަވާނީ މާލީ ވަޒީރު މޫސާ ޒަމީރެވެ.

ސަރުކާރުން އަލަށް އެކުލަވާލި މާލީ ވުޒާރާގެ މެންޑޭޓުގައިވާ ގޮތުން، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގެ ޒިންމާ މިހާރު ވަނީ އެ ވުޒާރާއާ ހަވާލުކޮށްފައެވެ. އެހެންކަމުން، ކުރިން ސިޓީތަކާބެހޭ ވުޒާރާއަށް ފޮނުވަމުންދިޔަ ހުރިހާ ރަސްމީ ލިޔެކިޔުންތަކާއި ހުށަހެޅުންތައް ދެން ފޮނުވަންޖެހޭނީ ސީދާ މާލީ ވުޒާރާއަށެވެ.

ސިޓީތަކާބެހޭ ވުޒާރާ އުވާލި ނަމަވެސް، ޤާނޫނީ އެއްވެސް ހުސްކަމެއް ނާންނާނެކަމުގެ ޔަޤީންކަން އެލްޖީއޭއިން ވަނީ ދީފައެވެ. ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާޙާއެކު އަތޮޅު ކައުންސިލްތަކުން ދެމުންދިޔަ ޚިދުމަތްތަކާއި، އެތަންތަނުގެ މުދަލާއި ވަސީލަތްތަކާ ޙަވާލުވުމުގެ ޤާނޫނީ ބާރު އެލްޖީއޭއަށް ލިބިފައިވާއިރު، މާލީ ވަޒީރުގެ ބެއްލެވުމުގެ ދަށުން ކައުންސިލްތަކުގެ ނިޒާމު އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.