ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް، ދޭ ކޮންމެ ސިޔާސީ ހަމަލާއަކަށް މޭ އައްޑައަކަށް ދިއްކުރަން އަބަދުވެސް ތައްޔާރަށް ހުންނެވި ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ކުއްލި ކައުންސިލް ބައްދަލުވުމުގައި ހުށަހެޅިފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ދޭނެ ހަމަލާއަކަށް ޖެހިލުން ނުވާނެ ބޭފުޅެއްކަން ދިވެހި ރައްޔިތުންނަށް ނިމިދިޔަ ވެރިކަމުގައާއި، އެމަނިކުފާނުގެ ޤައުމީ މަސައްކަތުން ހާމަވެފައިވާކަމަށެވެ. ރައީސް ޔާމީނާއިއެކު ކުރެވުނު ތަޖުރިބާތަކުގެ ތެރެއިން ތަޖުރިބާއެއް ހިއްސާ ކުރައްވަމުން ޣައްސާން ވިދާޅުވީ އޭނާ ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައި ކުރެއްވި ކެންޕެއިންގައި 17 ގަޑިއިރުވަންދެން ކަނޑުމަތީގައި އެއްޗެއް ފަރީއްނުކުޅުއްވައި ރައީސް ޔާމީން ދެއްކެވި ހިތްވަރުން އެމަނިކުފާނަކީ ސިޔާސީ ގޮތުން ދައްކާ ބިރަކަށް ފަސްޖެހޭނެ ބޭފުޅެއް ނޫންކަން ހާމަވި ކަމެއްމަށެވެ.
އަދި މިއަދު ރައީސް ޔާމީނަށް ދެމުންދާ އަނިޔާއާއި، އެމަނިކުފާނަށް ނުހައްގުން ދޭ ސިޔާސީ ހަމަލާތަކީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ނިންމުމަށް ކުރެވޭ ކަމަކަށް ބަޔަކު ޤަބޫލު ކުރެވުނު ނަމަވެސް މިއީ އަދި އެމަނިކުފާނު ބަލިކުރެވޭނެ ވަރުގެކަމެއްނޫންކަމަށް ޣައްސާން ވިދާޅުވިއެވެ.
އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީންގެ ދިފާޢުގައި ދެމީހަކުވާނަމަ އޭގެ ތެރެއިން އެކަކަށް އަބަދުވެސް އަޅުގަނޑު ހުންނާނަމޭ. އަޅުގަނޑަކީ ރައީސް ޔާމީނަށް ސިޔާސީ ގޮތުން ދޭ ކޮންމެ ހަމަލާއަކަށް މޭ އައްޑަނައަކަށް ދިއްކުރާނެ މީހަކަށް ތާއަބަދުވާނަމޭ.
– ޣައްސާން ވިދާޅުވިއެވެ.
މިޤަރާރަށް ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލަށް ޕީޕީއެމް ޓިކެޓުގައި ކުރިމަތިލައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަކީ މިއަދު ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކި ހުރިހާ ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރައީސް ޔާމީން ޖަލުގައި އޮތުމަކީ ޤައުމީ މައްސަލައެއް. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓައި، ރާއްޖެއަށް އެތަކެއް ތަރައްޤީ ގެނެސްދެއްވި ރައީސެއް ރައީސް ޔާމީން އަކީ. ރައީސް ޔާމީން މިނިވަން ކުރުމަކީ މިއަދު ޤައުމީ ވާޖިބެއް. ހުރިހާ މެމްބަރުންނާއި، މުޅި ރައްޔިތުން ފަސްޖެހުމެއްނެތި މިހަރަކާތުގައި ބައިވެރިވެ ރައީސް ޔާމީން މިނިވަން ކުރުމާއި ހަމައަށް ދެމިތިބުމަށް ގޮވާލަން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންވަނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ