ރިޔާސީ ބަޔާން އިއްވާ ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރަން ގޮވާލައިފި

ރިޔާސީ ބަޔާން އިއްވާ ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރަން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2021 12:03
0

އަންނަ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހު ރައްޔިތުންގެ އަޑު އިއްވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން މުޒާހަރާއަށް ނިިކުތުމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ކުއްލި ކައުންސިލް ބައްދަލުވުމުގައި ހުށަހެޅިފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ މިވެރިކަކަމީ ކަންފަތަށް އަޑުއިވޭ، ރައްޔިތުންގެ ބަސް ގަބޫލު ނުކުރާ ވެރިކަމެއްކަމަށެވެ. ވެރިކަމުގެ ދެ އަހަރު ނިމިގެންދާއިރު، ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދެވި ބަޔާންދޭ ސަރުކާރަކަށް މިސަރުކާރު ވެފައިވާއިރު، އަބަދު އެބަޔާން އަޑު އަހާ ބަޔަކަށް ރައްޔިތުން ނުވުމަށް ޝުޖާވަނީ ގޮވާލާފައެވެ.

ޝުޖާ ވިދާޅުވީ ކޮންމެ އަހަރެއް ފައްޓާއިރު މަޖިލީހަށް ރައީސް ޞާލިހު ވަޑައިގެން ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވުމަށްފަހު ރައްޔިތުންނަށް ދަޅަ ދެއްކުން ނޫންކަމެއް ނުކުރާނެކަމަށެވެ. އެހެންކަމުން މިފަހަރު އެޖާގަ ނުދީ ހުރިހާ ރައްޔިތުންވެސް ރައީސް ރިޔާސީ ބަޔާން އިއްވާ ދުވަހު މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރަންޖެހޭކަމަށް ޝުޖާވިދާޅުވިއެވެ. އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް މަޖިލިސް ދޮށަށް އެއްވެ، މިސަރުކާރަށާއި، ރައީސް ޞާލިހަށް ރައްޔިތުންގެ އަޑު އިއްވައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަންޖެހޭކަމަށް ޝުޖާ ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހު މަގުމައްޗަށް ނިކުންނަންޖެހޭ. މަޖިލިސް ކައިރިއަށް ދާންޖެހޭ. މަޖިލިސްވެސް ދެން ރަނގަޅަށް ހިނގިޔަ ދީގެން ނުވާނެ. ތިޔަ9 މެމްބަރުން ކަށިގަނޑުވެސް ފުމެންވާނެ. މަޖިލިސް ތެރެެއިންވެސް މިކަމަށް އިންސާފު ލިބެންޖެހޭ. ހުރިހާ މަސައްކަތްތެރިން މިއަދު މަގުތަކަށް ނިކުމެގެން ނޫނީ އިންސާފެއް ނުލިބޭނެ.

– ޝުޖާ ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

މި ޖަލްސާގައި އޮންނާނީ ހަމައެކަނި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.