ރައީސް ޔާމީން މިނިވަންކުރުމަށް ސީދާ ހަރަކާތައް ނިކުތުމަށް ނިންމައިފި

ރައީސް ޔާމީން މިނިވަންކުރުމަށް ސީދާ ހަރަކާތައް ނިކުތުމަށް ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2021 12:36
0

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނާއިސާފު ހުކުމެއްކަމަށާއި، އެމަނިކުފާނަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނިކުމަށް ނިންމައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ ކުއްލި ކައުންސިލް ބައްދަލުވުމުގައި ސީދާ ހަރަކާތައް ނިކުމަށް ފާސްވެފައިވަނީ ބައްދަލުވުމަށް ވަޑައިގެންނެވި ކައުންސިލް މެމްބަރުންގެ އައުލަބިއްޔަތުންނެވެ. ސީދާ ހަރަކާތައް ނިކުތުމަށްޓަކައި ކައުންސިލަށް ހުށަހެޅުނު ޤަރާރަށް ދޮޅު ގަޑިއިރު ވަންދެން ވަނީ ބަހުސްކޮށްފައެވެ. މިބަހުސްގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަނީ މިކަމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، މެމްބަރުންގެ ޚިޔާލު ފާޅުކުރައްވާފައެވެ.

ކައުންސިލުން މިގޮތަށް ނިންމުމާއި ގުޅިގެން ސިދާ ހަރަކާތްތައް ރާވާނެ ގޮތާއި، ކުރިއަށް ގެންދާނެ ގޮތެއް ނިންމައި ހަރަކާތައް ފެށިގެންދާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މިހަރަކާތްތައް މާލެ އާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މަގުމަތީގައާއި، ކަނޑުމަތީގައާއިވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކައުންސިލްގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ ރައީސް ޔާމީންގެ މައްސަލާގައި ސުލްހަވެރި ހައްލެއް ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެވިފައި ވާކަމަށާއި، ނަމަވެސް ދެން އެގޮތަށް މަސައްކަތް ކުރެވެން ނެތްކަމަށެވެ. ސުލްހަވެރިކަމާއިއެކު ވާހަކަ ދައްކައިގެން ފާއިތުވެދިޔަ ދުވަސްތަކުގައި މިކަމަށް ހައްލެއް ނުލިބި ރައީސް ޔާމީނަށް ނާއިންސާފުން ދެމުންދާ އަނިޔާތަކަކީ މިޤައުމުގެ އެއްވެސް ރައްޔިތަކު ބަލައި ގަންނާނޭ ކަންތައްތަކެއް ނޫންކަމަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައެވެ. އެދުވަހުގެ ޝަރީއަތުގައި ދެ ފަނޑިޔާރަކުވަނީ ރައީސް ޔާމީނަށް އިއްވި ހުކުމުގައި ހެކިބަސް ދީފައިވަނީ ފާސިގުންކަމަށް ވިދާޅުވެ، އެހެކިވެރިންގެ ހެކިބަސް ބަލައި ނުގަނެވޭކަމަށް ވިދާޅުވެފައެވެ. ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ޝަހީދުގެ ރައުޔު ވަރަށް ބޮޑަށް ތަފާތުވެ މިމައްސަލާގައި ރައީސް ޔާމިނަށް ކޮށްފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ހުކުމުގައި އިސްލާމީ މިންގަނޑުން ބަލާނަމަ ހެކިވެރިންގެ ގަޮތުގައި ކަނޑެއެޅި މީހުންގެ ތެރޭގައި މިމައްސަލާގައި ޝާމިލުވާ އިސްމީހުންނާއި، ރައީސް ޔާމީން މަރާލަން ރޭވިކަމުގެ ތުހުމަތު ކުރެވޭ މީހުން ހިމެނޭއިރު އެމީހުންގެ ހިކެބަސް މިކަމުގައި ބަލައި ނުގަނެވޭނެކަމަށް ޝަހީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.