ޝަރުއީ މަރުހަލާއިއިން ރައީސް ޔާމީނަށް އިސްފާނު ލިބޭނެކަމަށް އަދިވެސް އުންމީދު ނުގެއްލޭ ކަމަށާއި، ހައިކޯޓުން މިއަދު ކޮށްފައިވާ ހުކުމް ސްޕްރީމް ކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދުކޮށް ކޮށްފައިވާ ހުކުމާއި ގުޅިގެން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ޤާނޫނީ ޓީމުން މިމައްސަލަ ވަރަށް އަވަހަށް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެކަމަށެވެ. އަދިވެސް ޝަރުއީ ދާއިރާގެ ތެރެއިން ރައީސް ޔާމީނަށް އިންސާފު ލިބިގެންދާނެކަމަށް އުންމީދު ގެއްލުވާ ނުލާކަމަށާއި، ނުފޫޒާއި ބާރުވެރިކަން ނުވަންނަ ކަމުގައިވާނަމަ ރައީސް ޔާމީނަށް އިންސާފު ލިބޭނެކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ރާއްޖޭގައި ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ވެރިކަން ކުރި ކަމުގައިވެސް ވީނަމަވެސް ފެނިގެންދަނީ އެއްބާރެއްގެ ގޮތުގައި ޚުދުމުހުތާރު ވެރިކަމެއް ކުރަމުންދާ މަންޒަރުކަމަށެވެ. ނަމަވެސް އިންސާފާއި ހަމަހަމަ ކަމަކީ ވަކި މީހަކަށް ވުމުން ނުވަތަ ވަކި ފިކުރަކަށް ނިސްބަތްވާ މީހަކަށްވުމުން ލިބެންޖެހޭ އެއްޗަކަށް ވުމަކީ މިއަދު ފެންނަ އެންމެ ހިތްދަތި މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ކުރިއަށް އޮތް ތަނުގައި އިދިކޮޅު ހަރާތްތައް އިތުރަށް ވަރުގަދަކޮށް މަގުމަތީގެ ހަރަކާތްތައް އިތުރުވެގެންދާނެކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މިހުކުމް ކުރުމަށް ފުރަތަމަ ތާވަލު ކޮށްފައިވަނީމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހަށެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ކުރީގެ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެ ފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ.
މިއަދުގެ ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ވަނީ ހައިކޯޓުގެ އަނެއް ދެ ފަނޑިޔާރުންގެ ރައުޔާ ތަފާތުވެ، މިމައްސަލާގައި ރައީސް ޔާމީނާއިމެދު އަމަލު ކޮށްފައިވަނީ އިންސާފުވެރިކޮށް ނޫންކަމަށް ވިދާޅުވެފައެވެ. އަދި މިމައްސަލާގައި ހެކިންގެ ގޮތުގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފައިވަނީ މިމައްސަލާފައި އެންމެ ބޮޑަށް ޝާމިލުވާ، އަދި ރައީސް ޔާމީން މަރާލުމަށް ރޭވިކަމުގެ ތުހުމަތުވެސް ކުރެވޭ މީހެއްކަމަށް ޝަހީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ