ރައީސް ޔާމީނަށް އަނިޔާދެމުންދަނީ އިންޑިޔާގެ އޯޑަރަށް: އަބްދުއްރަހީމް

ރައީސް ޔާމީނަށް އަނިޔާދެމުންދަނީ އިންޑިޔާގެ އޯޑަރަށް: އަބްދުއްރަހީމް

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 10:15
0

ރައީސް ޔާމީނަށް އިންސާފުވެރި ހުކުމެއްނުލިބި، ނުހައްގުން އަނިޔާ ކުރަމުންދަނީ އިންޑިޔާގެ ބޮޑު ވަޒީރާއި، އިންޑިޔާއިން އަންނަ އޯޑަރުތަކަށް ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް އިސްތިއުނާފުގެ ޝަރީއަތް އަހަރަކަށް ވުރެ ގިނަ ދުވަސް ދަންމާލައި، އެތައް ދުވަހެއް ފަހުން ހުކުމާއިހަމަޔަށް ގޮސް މިއަދު އިއްވާފައިވާ ހުކުމަކީ ބޭއިސާފު ހުކުމެއްކަމަށެވެ. މިހުކުމަކީ ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ސިޔާސީ ނުފޫޒު އިންތިހާއަށް ޖޭއެސްސީއަަށް ވަދެ، ކޮށްފައިވާ ނާއިންސާފު ހުކުމެއްކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ހުކުމަކީ ސިޔާސީ ހުކުމެއްކަމަށް ކަމަށާއި، ރައީސް ޔާމީނަށް ދެމުންދާ ހުރިހާ އަނިޔާއަކީ އިންޑިޔާއާއި، އިންޑިޔާގެ ބޮޑުވަޒީރުގެ އޯޑަރަށް ދެމުންދާ އަނިޔާއެއްކަމަށެވެ. މިކަމުން އެގިގެންދަނީ ރާއްޖެއަކީ މިއަދު މިނިވަންކަމެއް ނެތް، ވަކި ޤައުމެއްގެ އަޅުވެތި ކަމުގެ ދަށުގައި އޮތް ޤައުމެއް ކަމަށެވެ. އަދި ދިވެހި އެއްވެސް ރައްޔިތަށް އިންސާފެއް މިއަދު މިޤައުމުގައި ލިބެން ނެތްކަން މިއަދު ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމުން ޔަގީންވެގެން ގޮސްފައިވާކަމަށެވެ.

ރައީސް ޔާމީނަށް އަނިޔާ ކުރަމުންދަނީ އިންޑިޔާގެ އޯޑަރަށް. އިންޑިޔާގެ ބޮޑުވަޒީރުގެ އޯޑަރަށް. މިއީ ސީދާ އިންޑިޔާ އަޑީގައި އޮވެގެން ރައީސް ޔާމީނަށާއި، އެމަނިކުފާނުގެ އާއިލާއަށް ދެމުންދާ އަނިޔާތަކެއް. މި އަނިޔާއަކީ ތާއަބަދު ކުރެވޭނެ ކަމެއްނޫން. އަޅުގަނޑުމެން ދެން މަޑަކުން ނުތިބޭނަން.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރާއި ދެކޮޅަށް އިދިކޮޅުން ދެން ނިކުންނާނީ މަގުތަކަށް ކަމުގައެވެ. މަގުތީގެ ހަރަކާތްތައް ކުރިއަށްވުރެ މާބޮޑަށްވެސް އިތުރުކޮށް މިސަރުކާރު ޖަވާބު ދާރީކޮށް، ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރައް ތިބިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.