ވެކްސިނާއި ގުޅިގެން ޗައިނާ ސަފީރުގެ ނުސީދާ ރައްދެއް އިންޑިޔާއަށް

ވެކްސިނާއި ގުޅިގެން ޗައިނާ ސަފީރުގެ ނުސީދާ ރައްދެއް އިންޑިޔާއަށް

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 11:24
0

ކޯވިޑް19 ވައިރަސް ރާއްޖެ އައީ ދުނިޔޭގެ ކޮންމެ ގައުމަކުން ކަމުގައި ވީނަމަވެސް، އެ ވައިރަހަށް ވެކްސިން ފޯރުކޮށްދިނީ އިންޑިއާ އިން ކަމަށް ވިދާޅުވެ އިންޑިޔާގެ ސަފީރު ދައްކަވާފައިވާ ވާހަތަކަސް ނުސީދާ ރައްދެއް ޗައިނާ ސަފީރު ދެއްވައިފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެ ގެނެއުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ އިންޑިއާ އަކީ މުޅި ދުނިޔޭގެ ވެސް ބޭސްފިހާރަ ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ވެކްސިންގެ 60 ޕަސެންޓު އުފައްދަނީ އެ ގައުމުން ކަމަށެވެ.

ސަފީރު ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމުގައި އިންޑިއާ އިން އިންސާނިއްޔަތުކަން ކުރިއަށް ނެރޭ ކަމަށެވެ. އަދި ބޮޑެތި ގައުމުތަކުން ގިނަ އަދަދުން ވެކްސިން ގަނެ، ފޮރުވުމުގެ ނަތީޖާއަކަށް ވާނީ، ފަގީރު ގައުމުތަކުގައި ތިބި އަދި ރައްކާތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ވެކްސިން ނުލިބުން ކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

އިންޑިޔާ ސަފީރުގެ މިވާހަތަކާއި ގުޅިގެން ޗައިނާ ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ވެކްސިން އެކި ގައުމުތަކުން ތައްޔާރު ކުރަމުންދާ އިރު، ޗައިނާ އިން ތައްޔާރު ކުރި ވެކްސިނަށް ދުނިޔޭގެސިއްހަތު ޖަމިއްޔާ ކަމުގައިވާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ތާއީދުކޮށް، ވެކްސިން އެތައް ޤައުމަކުން ބޭނުން ކުރަމުންދާކަމަށެވެ.

މިހާރު ވެސް 40 އަށް ވުރެ ގިނަ ގައުމުން ވަނީ ޗައިނާގެ ވެކްސިނަށް އެދިފައި، ވެކްސިން އުފައްދާ މިންވަރު އިތުރުވުމާއެކު އިތުރު ގިނަ ގައުމުތަކަށް ދާނީ ވެކްސިން ދެމުން، ޔޫއޭއީއާއި، ބަހްރައިންއާއި، މިސްރާއި، ތުރުކީ އާއި، ޖޯޑަން އާއި، އިންޑޮނޭޝިއާ އާއި، ބްރެޒިލް ފަދަ ތަރައްގީވެފައިވާ ގައުމުތަކުން ވެސް ޗައިނާގެ ވެކްސިނަށް އެދިފައި އެބަ އޮތް.

– ޗައިނާ ސަފީރު ވިދާޅުވިއެވެ.

އިއްޔެ އިންޑިޔާން ގަނައި ވެކްސިނަކީ ޑަބް.ލިއު.އެޗް.އޯގެ މިނިގަނޑަށް ނުފެތޭ ވެކްސިނެއްކަމަށް ބުނެ ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އިންޑިޔާއިން ގެނައި ވެކްސިނަކީ ޑަބް.ލިއު.އެޗް.އޯގެ އެޕްރޫވަލް ކުރިއަށްދާ ވެކްސިނެއް ކަމުގައެވެ.

ޑރ.ނަޒްލާ ވިދާޅުވީ އިއްޔެ ގެނައި ވެކްސިނަށް އެޕްރޫވް ހޯދުމުގެ މަސައްކަތް ރާއްޖެ ވެކްސިން ގެނައި ކުންފުނިން މިހާރުވެސް ކުރަމުންދާކަމަށެވެ. އަދި އެމައުލޫމާތު ޑަބް.ލިއު.އެޗް.އޯގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ. ނަޒްލާ ވިދާޅުވީ ވެކްސިން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ވެކްސިން ސަޕްލައި ސެކިއާ ކުރުމަކީ މިހާރު ކުރާ އެންމެ މުހިންމު މަސައްކަތްކަމަށެވެ.

ނަމަވެސް ވެކްސިން ބޭނުންކުރާނީ ކަމާއިބެހޭ އިދާރާތަކުން ދޭންޖެހޭ ހުރިހާ ހުއްދަތަކެއް ލިބި ރައްކާތެރިކަން ކަށަވަރުވުމުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ވެކްސިން ދުރާލައި ހޯދައި، ވެކްސިންގެ ޔަގީންކަން ކަށަވަރު ކުރާކަމަށެވެ. އަދި ވެކްސިން ހޯދިނަމަވެސް ވެކްސިން ބޭނުންކުރަނީޑަބް.ލިއު.އެޗް.އޯއާއި އެ ޤައުމެއްގެ ޞިއްޚީ އިދާރާތަކުން ލިބެންޖެހޭ ހުއްދަ ލިބިމަށް ފަހުގައިކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައިވެސް ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާއިރު، ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ޚާއްސަ ޕޯޓަލެއް އެކުލަވާލާ، ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށް އެ ޕޯޓަލުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.