ސޯނީ ރަޒްދާން އަކީ އެކްޓަރ ސުޝާންތު ސިންގް ރާޖްޕުތުގެ މަރާގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުތަކުގައި، ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި އެއްކޮޅަށް ނިކުމެފައިވާ ތަރިއެކެވެ. މި މައްސަލައާއި ގުޅިގެން ފެންމަތިވި ޑްރަގުގެ ކޭސް އަކާއި ގުޅިގެން ރިއާ ވަނީ ޖަލުގައި އެއް މަސް ދުވަސް ހޭދަކޮށްފައެވެ.
ސޯނީ ރަޒްދާން ވަނީ މީހަކު ކުރި ޓްވީޓަކަށް ރައްދުދެމުން ރިއާ އަށް ތައުރީފް ކޮށް ވާހަކަ ދައްކާފައިއެވެ. އެ ޓްވީޓް ގައި ބުނެފައިވަނީ ބޮލީވުޑްގައި ރިއާއަށް އެކްޓިންގެ ދާއިރާގައި އެއްވެސް ފުރުސަތެއް ދެން ނުލިބޭނެކަމަށެވެ. އެ ޓްވީޓަށް ރައްދު ދެމުން ސޯނީ ބުނެފައިވަނީ ރިއާ އަކީ އެ މައްސަލައިގައި އެއްވެސް ކުށެއް ނެތް މީހެއްކަމަށާއި އެއްވެސް މީހަކު އޭނާއާއެކު މަސައްކަތް ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އޭނާ ޤަބޫލުކުރާގޮތުގައި ރިއާ އަށް ބޮލީވުޑްގައި އުޖާލާ މުސްތަގުބަލެއް އެބައޮތް ކަމަށްވެސް ސޯނީ ވަނީ ބުނެފައެވެ.
ސުޝާންތުގެ އާއިލާއިން ރިއާ އާއި ދެކޮޅަށް މިދިޔަ އަހަރުގެ ޖުލައި މަހު މައްސަލަ ހުށަހަޅާފައިވަނީ، ސުޝާންތުގެ މަރުގެ ތުހުމަތާއި ސުޝާންތުގެ ހުރިހާ ރުފިޔާއެއް އަތުލައިގަތް ކަމުގެ ތުހުމަތުގައެވެ. ނަމަވެސް މި ހުރިހާ ތުހުމަތު ތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށް ރިއާ ދަނީ ބުނަމުނެވެ.
ސޯނީ މިގޮތަށް ވާހަކަ ދައްކާފައިވާ އިރު ސުޝާންތަށް ސަޕޯޓް ކުރާ ގިނަބަޔަކު ބުނެފައިވަނީ ސޯނީގެ ފިރިމީހާ އަދި މަޝްހޫރު ފިލްމީ ބަތަލާ އާލިއާ ބަޓްގެ ބައްޕަ މަހޭޝް ބަޓް އާއި ރިއާ އާއިދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށެވެ. މި ކަމަށް ބާރު ދިނުމުގެ ގޮތުން އެދުވަސް ކޮޅު މި ދެމީހުންގެ ގައިގޯޅި ފޮޓޯތަކެއް ވެސް ވަނީ އިންޓަނެޓްގައި ދައުރު ވެފައިއެވެ. އަދި މަހޭޝް ބަޓް އަކީ ވެސް ސުޝާންތް ގެ މަރުގެ ތުހުމަތުގައި ގިނަބަޔަކު އިނގިލި ދިއްކުރާ މީހެކެވެ. ނަމަވެސް މި ހުރިހާ ތުހުމަތު ތަކަކަށް ވެސް ރިއާ ވަނީ އިންކާރު ކޮށްފައިއެވެ.

ރިއާ އެންމެ އަވަހަށް ފެނިގެންދާނެކަމަށް ބެލެވެނީ "ޗެހެރޭ" އިން އަމީތާބް ބަޗަން، އިމްރާން ހާޝްމީ، ކްރިސްޓަލް ޑިސޫޒާ އަދި ސިދަންތް ކަޕޫރާ އެކުގައެވެ. މި ފިލްމުގެ ޑައިރެކްޓަރ ވެސް ބުނެފައިވަނީ ޖަލަށް ދިއުމުގެ ސަބަބުން ރިއާގެ މަސައްކަތްތައް މަޑުޖެހިފައި ވާކަމަށާއި ނަމަވެސް އަދި އެތަން ފޫބެއްދޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ