ދިވެހިންގެ ދީނާއި، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި، ކުޅޭކަމުގައިވާނަމަ މަޑަކުން ނުތިބެވޭނެކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ރައްދެއް ރައީސް ޞާލިހަށް ދެއްވައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ރަށު ބަންދުގައި ތިއްބެވި ތ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލަށްޓަކައި އެންމެ މަތިވެރި ޤުރުބާނީއެއް ފަހުގެ ތާރީހެއްގައި ވެވަޑައިގެންފައިވާ ހަމައެކަނި ވެރިޔަކީ ރައީސް ޔާމީންކަމަށެވެ. އެމަނިކުފާނު މިޤައުމުގެ މިނިވަންކަމަށްޓަކައި ކުރެއްވި މަސައްކަތްތަކީ މިޤައުމުގެ ފަސްގަނޑުން ތާއަބަދަށް ފެންނަން ހުންނާނެ ކަންތައްތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަދު ފެނިގެން މިދަނީ އަނެއްކާވެސް އެ ޤުރުބާނީތައް ބޮލާލާއި ޖަހައި ރާއްޖޭގެ މިނިވަންކަނާއި ސިޔާދަތު ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާ މަންޒަރުކަމަށެވެ. ރައީސް ޔާމީން ނުހައްގުން ޖަލުގައި ބާއްވައިގެން މިކަން ކުރުމަކީ މިސަރުކާރަށް އެންމެ ފަސޭހައިން މިކަން ކުރެވެން އޮތް ގޮތަށްވުމުން ސަރުކާރުން ރައީސް ޔާމީން ޖަލަށްލާ ބައިތިއްބައިގެން މިކަން ކުރެވިދާނެކަމަށް ހީކުރުމަކީ ކުށް ހީއެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަޅުގަނޑު ރައީސް ޞާލިހަށް ދަންނަވަން ބޭނުމީ، އަޅުގަނޑުމެން ދީނާއި ނުކުޅެއްޗޭ. މިނިވަންކަމާއި ނުކުޅެއްޗޭ. ސިޔާދަތާއި ނުކުޅެއްޗޭ. މިކަންކަމާއި ބެހި ކުޅެން ހަދަންޏާ އަޅުގަނޑުމެން މަޑަކުން ނުތިބޭނަން.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި މިހާތަނަށް ހޭދަކުރެއްވި ދުވަސްތަކުގައި އެމަނިކުފާނާއި 6 ފަހަރަކު ދިމާ ވުމުގެ ނަސީބު ލިބުނު ކަމަށެވެ. އެމަނިކުފާނާއި ބައްދަލުވި ކޮންމެ ފަހަރަކުވެސް، އަބަދުވެސް އެންމެބޮޑު އިސްކަމެއް ދެއްވަނީ ޤައުމުގެ ހާލަތާއި ގުޅޭގޮތުން ކަންކަން އޮޅުން ފިލުވުމަށް ކަމަށެވެ. އަދި ޤައުމުގެ ހައްގުގައި ކުރާ މަަސައްކަތުގައި ކިތަންމެ އަނިޔާއެއް ދިނަސް ފަސްނުޖެހުމަށް އެދިވަޑައިގެންފައިކަމަށެވެ.
އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ މިކަން ކުރަން އޮތް އެންމެބޮޑު ފުރުސަތައްވާއިރު، މިކަން ކޮށްދެއްވުމަކީ އެމަނިކުފާނު އެންމެބޮޑު އިލްތިމާސްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ