ސުކޫކް އަނބުރާ ދެއްކުމުން ރާއްޖޭގެ މާލީ އިތުބާރު އާލާވެއްޖެ: ޒަރީރު

ސުކޫކް އަނބުރާ ދެއްކުމުން ރާއްޖޭގެ މާލީ އިތުބާރު އާލާވެއްޖެ: ޒަރީރު

Author
އަހުމަދު
02 ޖުލައި 2026 12:09
0

ދައުލަތުގެ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ ކުރިމަތީގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމެއް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތަޢާރަފުކުރި "މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަރ އެވޯޑްސް" ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިކަން ހާސިލުކުރެވުނީ ދުރާލައި ކުރެވުނު މާލީ ރޭވުންތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި މިއީ ހިކުމަތްތެރިކަމާއެކު ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ނިންމުނު މުހިންމު ނިންމުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަރަނި އަދާކުރުމާއެކު، އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރި މިންވަރު ދަށްވެފައިވާ ކަމަށާއި، ދުވަހުން ދުވަހަށް އެ އަދަދު ކުޑަވަމުން އަންނަ ކަމަށް ޒަރީރު ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރިއަށްވުރެ ރަނގަޅުވެ، ބޭރުގެ މާލީ މުއައްސަސާތަކުން ރާއްޖެއާމެދު ދެކޭ ގޮތް ވަނީ ޕޮޒިޓިވް ވެފައެވެ.

ގައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެމްއެމްއޭއާއި މާލީ ވުޒާރާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަޒީރު އަލިއަޅުވާލެއްވިއެވެ. އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ބައެއް ފަހަރު އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ކަމުގައިވިޔަސް، އެއީ އަންނާން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.