ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026″ މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި އެކްސްޕޯ ހުޅުއްވައިދެއްވުމަށް ރައީސް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ޖުލައި މަހުގެ 2 އިން 4 އަށް ކުރިއަށްދާ މި ޙަރަކާތަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވާގޮތަށް، ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ ވަރަށް މުހިންމު އެކްސްޕޯއެކެވެ.
މިއަހަރުގެ އެކްސްޕޯ ކުރިއަށް ގެންދަނީ "އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިޢާރުގެ ދަށުންނެވެ. މި އިވެންޓުގައި ރާއްޖޭގެ ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، މާލީ ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުގެ އިތުރުން ސަރުކާރާއި ޤާނޫނީ ދާއިރާގެ މުހިންމު މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. މި އެކްސްޕޯގެ ސަބަބުން، އާންމު ރައްޔިތުންނަށް މާލީ ނިޒާމުގައި ހިމެނޭ މުއައްސަސާތަކާ ސީދާ ގުޅި، އެފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގައި ޤާއިމުކޮށްފައިވާ އެކި މުއައްސަސާތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ދެމުންދާ މަޢުލޫމާތުތައް އޮޅުންފިލުއްވައި ބައްލަވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ