އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި ތިބީ މުޅިންވެސް ރިޔާސީ ކެންޑިޑޭޓުން: ހަސަންޓޭ

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި ތިބީ މުޅިންވެސް ރިޔާސީ ކެންޑިޑޭޓުން: ހަސަންޓޭ

Author
މުޙައްމަދު ޝަޒައިމް
20 ޖެނުއަރީ 2021 07:58
0

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގައި ތިއްބެވީ މުޅިންވެސް ރިޔާސީ ކެންޑިޑޭޓުން ކަމަށާއި، އެބޭފުޅުންގެ އިޚުލާސްތެރި މަސައްކަތެއް ރައީސް ޔާމީން މިނިވަން ކުރުމަށް ނުހުންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަކީ އިޚުލާސްތެރި ޚިދުމަތްތަކެއް ކުރައްވާ ބޭފުޅުންތަކެއް ނޫންކަން މަޖިލީހުގައި ހިމެނޭ އިދިކޮޅު ކޯލިޝަން މެމްބަރުން މަޖިލީހުގެ ކުޑަ ދޮށުގައި ތިއްބަވައިގެން ދައްކަވާ ވާހަކަތަކުން ހާމަވާކަމަށެވެ.

ހަސަން ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންގެ ތެރޭގައި ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަމާއިއެކު ރައީސް ޔާމީން މިނިވަން ކުރުމަށްވެސް އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުންނަށްވެސް ތާއީދު ހޯދުމަށް ލީޑަރޝިޕްގެ ބޭފުޅުންނަށް ވަގުތެއް ނުދެއްވޭކަމަށެވެ. ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރަމުންދަނީ އެބޭފުޅެއްގެ އަމިއްލަ މަސްލަހަތާއި، އަމިއްލަ ތާއީދު ބޮޑުކުރުމުގެ މަސައްކަތް ކުރެއްވުމަށްކަމަށް ހަސަން ވިދާޅުވިއެވެ.

ޝިޔާމް ކުޑަ ދަށުގައި އަޅުގަނޑުމެން ކައިރީ ބުނަނީ މިތަނަށް އަންނަނީ ވަހީދުއޭ. ދެން އަންނަނީ ޖަމީލުއޭ. މީ އަހަރުމެންނަށް ދޯކާ ދީފައިތިވި ދެމީހުންނޭ. ދެން މިދެމީހުން ލައިގެން ކިހިނެއްހޭ ޕާޓީއެއް ހިންގާނީ، ރިޔާސީ ކެންޑިޑޭޓުކަން ދޭނީ. ދެން މިކަމަށް ފައިނަގަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް. ދެން މިކަމަށް ފައިނަގަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދޭ. މިކަމުން ސަލާމަތް ނުވެގެން އުޅޭއިރު ކިހިނެތްހޭ އަޅުގަނޑުމެން ކެންޑިޑޭޓުންނަށް ވަގުތެއްދޭނީ. މީ އަޅުގަނޑުމެން ކައިރީ ކުޑަ ދަށުގައި ދައްކާ ވާހަކަ.

– ހަސަން ވިދާޅުވިއެވެ.

މިމައްސަލާގައި ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ދެއްކެވި ވާހަކަތަކީ އެއްވެސް ހަގީގަތެއްނެތް ދޮގުވާހަކަތެއް ކަމަށެވެ. އެމްޑީޕީގެ މެމްބަރުންނަކީ އަބަދުވެސް ހޮޅުއަށީގައި ދައްކާ ކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަވަން މޮޅު ބައެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރު ބަލިކަށިވެ ބައިބައިވުމުން އިދިކޮޅު ބައިބައި ކުރުމަށް ތަފާތު މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް އިދިޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތެއްވެސް އަދި ދައްކަވާ ވާހަކަތަކެއްވެސް މިސަރުކާރަށް ނުހުއްޓުވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.