ސަރުކާރުގެ އިމާރާތްތައް ރޯކުރުމަށް ހިތްވަރުދިން މައްސަލަ: ޒިހާން އިތުރު 15 ދުވަހު ބަންދު ކޮށްފި

ސަރުކާރުގެ އިމާރާތްތައް ރޯކުރުމަށް ހިތްވަރުދިން މައްސަލަ: ޒިހާން އިތުރު 15 ދުވަހު ބަންދު ކޮށްފި

Author
އަހުމަދު
22 ނޮވެމްބަރ 2026 01:39
0

 

ރައީސް އޮފީސް، ރައްޔިތުންގެ މަޖިލިސް އަދި ސުޕްރީމް ކޯޓު ރޯކުރުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން ތުހުމަތުގައި ހައްޔަރުކުރި ޒިހާން ހަސަން އިތުރު 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، ޒިހާން މިއަދު ކޯޓަށް ހާޒިރުކުރުމުން، މި މައްސަލައިގައި ތިންވަނަ ފަހަރަށް އޭނާގެ ބަންދު އިތުރުކޮށްފައިވާ ކަމަށެވެ. ޒިހާން ހައްޔަރުކުރީ އޮކްޓޫބަރު 20 ގައި ފުވައްމުލަކުންނެވެ. ފުރަތަމަ ފަހަރު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ ބަންދު ދިނުމަށް ފަހު، ދެވަނަ ފަހަރަށް 14 ދުވަސް އިތުރުކުރިއެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތައް ރޯނުކުރަނީ ކީއްވެގެންތޯ ސުވާލުކޮށް ޒިހާން ޖެހި ޕޯސްޓުގައި، އެކަން ކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް ލިޔެފައިވެއެވެ. ނަމަވެސް ގަޑިއިރެއް ނުވަނީސް އޭނާ އެ ޕޯސްޓް ފޮހެލިއެވެ.

ޒިހާނަކީ އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައި، އެމްއެންޑީއެފްގައި ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި ޚިދުމަތްކުރި ކުރީގެ ފަސްޓް ލެފްޓިނަންޓެކެވެ. ކުރީގެ ސަރުކާރުގެ ފަހުކޮޅު އޭނާ ސިފައިންގެއިން ވަކިކުރުމަށް ފަހު، މިހާރުގެ ސަރުކާރުން އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރިއެވެ. އެ މަގާމުން ވެސް ވަކިކުރުމަށް ފަހު، ޒިހާން ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.