ދުންފުހުގެ އަސަރު ތިން ދުވަހަށް ބޮޑުވާނެ، ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސް

ދުންފުހުގެ އަސަރު ތިން ދުވަހަށް ބޮޑުވާނެ، ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސް

Author
އަހުމަދު
22 ނޮވެމްބަރ 2026 01:38
0

 

އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހު ބޮޑުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ. އެހެންކަމުން، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާއްމުންނަށް އިލްތިމާސްކޮށްފިއެވެ.

"އައިކިއުއެއާ" އެޕްގެ މަޢުލޫމާތުން ދައްކާ ގޮތުގައި، މިއަދު ވައި އެންމެ ނުސާފީ ކުޅުދުއްފުށީގައެވެ. އެ ސިޓީގެ ވައިގެ ކޮލިޓީ 165 ގައި ހުރިއިރު، ވިލިމާލޭގައި 160 އާއި މާލޭގައި 159 ގައި ހުއްޓެވެ. މިއީ ސިއްހަތަށް ނުރައްކާތެރި "އަންހެލްތީ" މިންވަރެވެ. ހުޅުމާލެ އާއި އައްޑޫ ސިޓީގެ ވައިގެ ކޮލިޓީ 70 އިން މައްޗަށް އަރާފައިވާއިރު، އެއީ "މޮޑަރޭޓް" ލެވެލްއެވެ. ވައި ސާފުކަމުގެ ރަނގަޅު މިންވަރަކަށް ބެލެވެނީ 50 އިން ދަށެވެ.

އެޗްޕީއޭއިން ބުނާ ގޮތުގައި، ވައިގެ ނުސާފުމިން 151 އާއި 200 އާ ދެމެދުގެ "ރަތް ސަމާލު" ގެ ހާލަތުގައި ހުރިހާ އެންމެންނަށް ސިއްހީ ނުރައްކާ ބޮޑުވެއެވެ. ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް މި ނުރައްކާ އިތުރަށް ބޮޑެވެ. އެހެންކަމުން، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން މަޑުޖައްސާލުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެނަމަ އެން95 ފަދަ މާސްކެއް އެޅުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ. ގޭގެ ދޮރުތައް ލައްޕާފައި ބަހައްޓައި، އެއާ ޕިއުރިފަޔަރު ބޭނުންކުރުމަށް ވެސް އެދިފައިވެއެވެ.

ވައިގެ ނުސާފުމިން 101 އާއި 150 އާ ދެމެދުގެ "އޮރެންޖް ސަމާލު" ގެ ހާލަތުގައި، ކުޑަކުދިން، ދުވަސްވީ މީހުން، މާބަނޑު މީހުން، އަދި ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް އެޗްޕީއޭއިން ދީފައިވާ ލަފައަކީ ބޭރުގައި ހަރަކާތްތެރިވުން މަޑުޖައްސާލުމާއި ބޭރަށް ނުކުންނައިރު މާސްކު އެޅުމެވެ. 51 އާއި 100 އާ ދެމެދުގެ "ރީނދޫ ސަމާލު" ގެ ހާލަތުގައި، ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުން ބޭރުގައި އުޅުމުން ދުރުހެލިވުމަށް ވެސް އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.