ސޯޝަލް މީޑިއާގައި އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ގޮވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް ޢަލީ ޖުމާން (ޑެތު) ގެ ބަންދު، ކްރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަހަށް ދިގުކޮށްފިއެވެ. އޭނާގެ ފޯނުގެ ލޮކް ކޯޑު މިހާތަނަށް ހުޅުވާނުލެވޭތީ، ފޯނު ފޮރެންސިކް ތަހުލީލަށް ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށް ފުލުހުން ކޯޓަށް ބުނެފައިވެއެވެ.
ޖުމާން ހައްޔަރުކުރީ މިދިޔަ މަހުގެ 22 ގައެވެ. ގާޟީ މުޙައްމަދު ޢަބްދުﷲ ނެރުއްވި ބަންދު އަމުރުގައިވާ ގޮތުން، ޖުމާން ފޯނުގެ ޕާސްވޯޑު ފުލުހުންނަށް ދީފައެއް ނުވެއެވެ. އޭނާ 'އެކްސް’ގައި ބޭނުންކުރި އެކައުންޓުގެ މަޢުލޫމާތު ހޯދުމަށް ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން މަސައްކަތް ކުރަމުން ދެއެވެ. އަދި އެކައުންޓުގެ އެހެން ޕޯސްޓުތަކަށް ބަލައިގެން، އެ އެކައުންޓާ ޖުމާންއާ ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. މައްސަލައަށް ސަބަބުވި ޕޯސްޓު ޖުމާން ވަނީ ފަހުން ޑިލީޓްކޮށްފައެވެ.
ޖުމާން މީގެ ކުރިންވެސް، މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައާ ގާތް ގުޅުމެއްހުރި އަނެއް މައްސަލައެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި ކަމުގެ ތުހުމަތުގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާނުވެސް ވަނީ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ