ޗާގޯސް ހަވާލުކުރުމަށް މޮރިޝަސްއިން އަހަރު ނިމުމާ ހަމައަށް މުއްދަތު ދީފި

ޗާގޯސް ހަވާލުކުރުމަށް މޮރިޝަސްއިން އަހަރު ނިމުމާ ހަމައަށް މުއްދަތު ދީފި

Author
އަހުމަދު
19 ނޮވެމްބަރ 2026 04:34
0

 

މި އަހަރު ނިމުމުގެ ކުރިން ޗާގޯސް ޖަޒީރާގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުނުކޮށްފިނަމަ، އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ގޮތުން ދައުވާކުރާނެ ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލަމް އިންޒާރުދެއްވައިފިއެވެ.

މޮރިޝަސްގެ ޕާލަމެންޓުގައި ވާހަކަފުޅުދައްކަވަމުން ރާމްގޫލަމް ވިދާޅުވީ، އިނގިރޭސި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން ލަސްވަމުންދާތީ ދައުވާއަށް ބޭނުންވާ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. ލަންޑަނުގައި ބައިނަލްއަގުވާމީ ވަކީލުންގެ ޓީމަކާ ބައްދަލުކުރައްވައި، މޮރިޝަސްއަށް ހުޅުވިފައިވާ ހުރިހާ ގާނޫނީ ފުރުސަތެއް ދިރާސާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޯޓަށް ނުގޮސް، ސުލްހަވެރި ގޮތެއްގައި ޑިސެމްބަރު ނިމުމުގެ ކުރިން މައްސަލަ ހައްލުކުރުމަށް މޮރިޝަސްއިން އަދިވެސް އިސްކަންދޭ ކަމަށް ރާމްގޫލަމް ވިދާޅުވިއެވެ.

'ދަ ޓެލެގްރާފް' ނޫހުގެ ރިޕޯޓެއްގައި ބުނާ ގޮތުގައި، އެއްބަސްވުން މަޑުޖެހިފައިވަނީ ޑިއޭގޯ ގާސިއާގައި ހުރި އެމެރިކާ އަދި އިނގިރޭސި އަސްކަރީ މަރުކަޒަށް އަސަރުކުރާނެ ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އިނގިރޭސި ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ އެމެރިކާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެއްބަސްވުމަށް ބަދަލު ގެނައުމަށެވެ. އަނެއްކޮޅުން، އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ޝެޑޯ ފޮރިން ސެކްރެޓަރީ ޓޮމް ޓުގެންދާތު ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އިންޒާރުތަކަށް އިނގިރޭސިވިލާތް ބޯލަނބައިގެން ނުވާނެ ކަމަށެވެ.

ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައާ ގުޅިގެން މޮރިޝަސްއިން ވަނީ ރާއްޖެއާއެކު ޚާރިޖީ ގުޅުން ކަނޑާލާފައެވެ. ދެ ގައުމުގެ އިގުތިސާދީ ސަރަހައްދު ފުށުއަރާ ބައި ބެހުމުގައި އިޓްލޮސްއިން ނިންމި ނިންމުމާ އެކު ރާއްޖެއަށް 47,232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45,331 އަކަކިލޯމީޓަރު ވަނީ ކަނޑައަޅައިފައެވެ. 2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މައްސަލާގައި ރާއްޖޭގެ މަޤާމު ބަދަލުކުރެއްވުމުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.