ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ، އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ރާއްޖެ ނިކަމެތިކަމުގައި ބޭއްވުމަށް ކުރާ ހީލަތްތެރި ރޭވުމެއް ކަމަށެވެ.
ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުން އަބަދުވެސް އެދެނީ ހާސްކަމެއް ނެތް، ތަނަވަސް ދިރިއުޅުމަކަށް ކަމަށެވެ.
ބައެއް މަހުޖަނުންނާއި ނުފޫޒުގަދަ ފަރާތްތަކަށް ފާޑުކިޔުއްވަމުން ނަޝީދު ފާހަގަކުރެއްވީ، ތަނަވަސް އާއިލާތަކުގެ ބޭފުޅުންނަށް މާލެއާއި ސްރީލަންކާ ފަދަ ގައުމުތަކުގައި ގެދޮރާއި ބިން ހުރިއިރު، އަދި އެބޭފުޅުންގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ދިރިއުޅޭއިރު، އާންމު ރައްޔިތުންގެ ތަނަވަސްކަން ހުއްޓުވުމަށް ވަކާލާތުކުރުމަކީ ހުތުރު ކަމެއް ކަމަށެވެ.
"ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަށް އިތުރުވެގެންވާ، ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތި ކަމުގައި ބާއްވަން ޖަހާ މަޅިއެއް." ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ރަށާއި އަތޮޅުގެ ހުދޫދުން ބޭރަށް، މުޅި ރާއްޖެއަށް ވިސްނާ، ތަފާތު ސަގާފަތްތަކާއި ފިކުރުތަކަށް ހުޅުވިފައިވާ ލިބަރަލް ޕާޓީއެއް ކަމަށްވެސް ނަޝީދު ސިފަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ