ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޚާޠަބުކުރާނެ ރަސްމީ ގޮތްތައް ކަނޑައަޅައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސާކިއުލަރެއް ނެރެފިއެވެ.
ސާކިއުލަރާ އެއްގޮތަށް، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށް "އުއްތަމަ ފަނޑިޔާރު" ގެ ނަމުން މުޚާޠަބުކުރާނެއެވެ. އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ "އޮނަރަބަލް ޖަސްޓިސް" ގެ ނަމުންނެވެ. ހައިކޯޓުގެ އިސް ފަނޑިޔާރަށް "ހައިކޯޓުގެ އިސް ފަނޑިޔާރު" ގެ ނަމުން މުޚާޠަބުކުރާނެއެވެ. އަދި ހައިކޯޓުގެ އެހެން ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ "ފަނޑިޔާރު" ގެ ނަމުންނެވެ.
ސިވިލް، ކްރިމިނަލް، ފެމެލީ، ޖުވެނައިލް އަދި ޑްރަގް ކޯޓު ފަދަ ސުޕީރިއާ ކޯޓުތަކުގެ އިސްވެރިންނަށް "އިސް ޤާޟީ" ގެ ނަމުން މުޚާޠަބުކުރާނެއެވެ. އެ ކޯޓުތަކުގެ އެހެން ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ "ޤާޟީ" ގެ ނަމުންނެވެ. ނަން ބޭނުންކުރާއިރު، ލަޤަބާއެކު "އަލްއުސްތާޛު/އަލްއުސްތާޛާ" ނުވަތަ "ޑޮކްޓަރު" ހިމަނަން ޖެހޭނެއެވެ.
އަތޮޅުތަކުގެ ޖުޑީޝަލް ދާއިރާތަކުގެ އިސްވެރިންނަށް "(ދާއިރާގެ ނަން) ގެ އިސް މެޖިސްޓްރޭޓް" ގެ ނަމުން މުޚާޠަބުކުރާނެއެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ "މެޖިސްޓްރޭޓް" ގެ ނަމުންނެވެ.
ކޯޓުތަކުގެ ދަރަޖައާ އެއްގޮތަށް ފަނޑިޔާރުންނަށް މުޚާޠަބުކުރުމުގައި އެއްގޮތް އުޞޫލެއް ޤާއިމުކުރުމަށް މި ނިންމުން ނިންމީ، ފަނޑިޔާރުންގެ ޤާނޫނާ އެއްގޮތަށް އެކި ދަރަޖައިގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރެވޭ ކަމަށް ބަލައިގެންނެވެ.
ކޮމެންޓު ފޮނުވާ