"ޓަކާޓަކާ" ހަރަކާތަކީ ރާއްޖެ ފަގީރުކަމުގައި ބޭއްވުމުގެ މަޅިއެއް: ނަޝީދު

"ޓަކާޓަކާ" ހަރަކާތަކީ ރާއްޖެ ފަގީރުކަމުގައި ބޭއްވުމުގެ މަޅިއެއް: ނަޝީދު

Author
އަހުމަދު
19 ނޮވެމްބަރ 2026 04:29
0

 

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ޓަކާޓަކާ" ގޮވައިގެން ކުރިއަށްދާ ހަރަކާތަކީ، އާންމު ދިވެހިންނަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަށް ރާވައިގެން ކުރާ ހީލަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ހާލަތާ ބެހޭގޮތުން ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މިފަދަ ކަންކަމަކީ ރާއްޖެ އަބަދުވެސް ނިކަމެތިކަމުގެ ތެރޭގައި ބޭއްވުމަށް ޖަހާ މަޅިއެއް ކަމަށެވެ. ތަނަވަސް އާއިލާތަކުގެ ބޭފުޅުންނަށް ސްރީލަންކާއާއި މާލޭގައި ގެދޮރާއި ބިންތައް ހުރެ، އެ ބޭފުޅުންގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން އުޅުއްވަމުން، އާންމު ރައްޔިތުންނަށް ލިބޭ ފުރުސަތުތަކާ ދެކޮޅު ހެދުމަކީ ދެފުށްދެކެހެރި ޢަމަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ރަށާއި އަތޮޅުން ބޭރަށް ވިސްނާ، މަލްޓިކަލްޗަރަލް އަދި ލިބަރަލް ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް ކަމަށެވެ. އަދި ރައްޔިތުންނަށް ތަނަވަސްކަމާއި ހާސްކަމެއް ނެތް ދިރިއުޅުމެއް ހޯދައިދިނުމަކީ ޕާޓީގެ އަސާސީ އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ވާހަކަފުޅު ދެއްކެވީ، ނަޝީދުގެ ވިސްނުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މާލޭ ސިޓީ ކައުންސިލަރު ހުސައިން ފުރުޝާން އިއްޔެ ގައުމީ މަޖިލީހުގެ ކެންޑިޑެސީ އަނބުރާ ގެންދެވުމަށް ފަހުގައެވެ. ފުރުޝާން ވިދާޅުވީ، ޕާޓީން އެއްބަސްވުމާ ދެކޮޅަށް ސްޓޭންޑެއް ނަގާފައިވާއިރު، ޗެއާޕާސަން އެއާ ޚިލާފު ވިސްނުމަކަށް ތާއީދުކުރައްވާތީ މާޔޫސްވާ ކަމަށެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި މަޝްރޫއާ ދެކޮޅު ކެމްޕޭން ހިންގަވަނީ އެމްޑީޕީގެ ބައެއް ބޭފުޅުންނާއި ޕީއެންއެފްގެ ވެރިންނާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްވެވަޑައިގެންނެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެންބަރު 21 ގައެވެ. 65،000 ހައުސިން ޔުނިޓް ހިމެނޭ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.