2027 ގެ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި

2027 ގެ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި

Author
އަހުމަދު
19 ނޮވެމްބަރ 2026 04:28
0

 

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ބަޖެޓު ފާސްވީ ބައްދަލުވުމުގައި ތިއްބެވި 10 މެންބަރުންގެ ވޯޓުންނެވެ.

ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ތާއީދު ކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 43.2 ބިލިއަން ރުފިޔާއަކީ ހާސިލުކުރެވޭނެ އަދަދެއް ކަމަށެވެ. އަދި އެއްވެސް މުއައްސަސާއަކަށް ދަތިވާ ހާލަތެއްގައި ކޮންޓިންޖެންސީ ބަޖެޓުން ހަރަދު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ފާސްކުރި ބަޖެޓުގައި ދައުލަތުގެ ޖުމްލަ ހަރަދަށް 52.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދަށް ކަނޑައަޅާފައިވާ އަދަދެވެ. ކެޕިޓަލް ހަރަދަށް 9.8 ބިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ. ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ދައުލަތުގެ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި ޖީޑީޕީ 129.5 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށްވެސް ލަފާކުރެވެއެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ހިނގަމުންދާ އަހަރުގެ ބަޖެޓަށްވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.