ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ މޫސާ މަނިކު (ރީކޯ މޫސާ) ގެ ކުންފުނި ހެވީ ލޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަންޖެހޭ ލޯނު ނުދެއްކުމުން، އެ ކުންފުނީގެ ރަހާ ރިސޯޓް ނީލަމުގައި ވިއްކުމަށް ހުޅުވާލައިފިއެވެ.
ލ. ފަރެސް އަދި ކުޑަފަރެސްގައި ހިންގާ 100 ކޮޓަރީގެ މި ރިސޯޓް ވިއްކުމަށް ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ 45.633 މިލިއަން ޑޮލަރެވެ. ބޭންކުން ބުނީ، ރަހުނުކޮށްފައިވާ މުދާ ވިއްކައިގެން ދަރަނި ހޯދުމަށް ސިވިލް ކޯޓުން މި މަހުގެ 2 ގައި ދިން ހުއްދައެއްގެ ދަށުން ރިސޯޓް ވިއްކާލަނީ ކަމަށެވެ.
ހެވީ ލޯޑުން ބީއެމްއެލްގެ ފައިސާގެ ފެސިލިޓީއެއް ހޯދީ 2016 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ފައިސާ ދެއްކުމުގައި އިހުމާލުވުމުން ކޯޓަށް ދިޔަ މައްސަލައިގެ ހުކުމުން އެނގޭ ގޮތުގައި، ކުންފުނިން ދައްކަންޖެހޭ ޖުމްލަ ފައިސާއަކީ ގާތްގަނޑަކަށް 29.5 މިލިއަން ޑޮލަރު (455 މިލިއަން ރުފިޔާ) އެވެ.
ރިސޯޓުގެ ލީސް މުއްދަތު ހަމަވަނީ 2064 ވަނަ އަހަރުގެ ޑިސެމްބަރުގައި ކަމުން، ގަންނަ ފަރާތަށް ގާތްގަނޑަކަށް 38 އަހަރު ލިބޭނެއެވެ. 2024 ވަނަ އަހަރުގެ އޮކްޓޯބަރުގައި ވެސް 23.262 މިލިއަން ޑޮލަރަށް މި ރިސޯޓް ވިއްކަން އިއުލާންކުރި ނަމަވެސް، ހައިކޯޓުގެ އަމުރަކާ ގުޅިގެން އެ މަސައްކަތް ހުއްޓިފައިވެއެވެ.
ޝައުގުވެރި ފަރާތްތަކުން 2 ޑިސެމްބަރު 2026 ގެ މެންދުރު 12:00 ގެ ކުރިން، ބަންދު ސިޓީއުރައެއްގައި ބީއެމްއެލްގެ ކްރެޑިޓް ޑިޕާޓްމަންޓަށް ޕްރޮޕޯޒަލް ހުށަހަޅަންޖެހޭއިރު، ބީލަން ކަނޑާނީ ވެސް އެ ދުވަހުއެވެ. ކާމިޔާބުވާ ފަރާތުން ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި އަނބުރާ ނުލިބޭ 100,000 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ