މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދަށް އޮތް ސީދާ ނުރައްކަލެއް ކަމަށާއި، 2040 ވަނަ އަހަރު ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށް މޫސުމީ ވިލުންތެރިކަމަށް އިންވެސްޓްކުރުން މުހިންމު ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
13 ވަނަ ފަހަރަށް ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ހުޅުއްވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ، "މޫސުމީ ނުރައްކަލަކީ އިޤްތިޞާދީ ނުރައްކަލެއް. އަދި އިޤްތިޞާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން" ކަމަށެވެ. ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމާއި ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުގެ ދިރުންތަކަށް ބޮޑު ދައުރެއް ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް ދައުލަތުގެ ބަޖެޓާއި ބައިނަލްއަޤްވާމީ އެހީއާއި ލުއި ލޯނުތައް އަދިވެސް މުހިންމު ނަމަވެސް، އަންނަ ޖީލުތަކަށް ދަރަނީގެ ބުރަ އިތުރުނުކޮށް އަމިއްލަ ފަރާތްތަކާއި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓް ހޯދަން ޖެހޭ ކަމަށް ޒަރީރު ވިދާޅުވިއެވެ. 2028 ވަނަ އަހަރާ ހަމައަށް ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ އަމާޒު ހާސިލުކުރުމަށް ބޮޑެތި އިންވެސްޓްމަންޓް ބޭނުންވާ ކަމަށާއި، އެއީ އިމްޕޯޓްކުރާ ތެލަށް ބަރޯސާވުން ކުޑަކުރުމަށް އެހީވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު "ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް" އާއި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ ފަރާތުގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) އެކްރެޑިޓްވުމަކީ ބައިނަލްއަޤްވާމީ މޫސުމީ ފަންޑުތައް ހޯދުމަށް ލިބުނު ބާރެއް ކަމަށް ވިދާޅުވެ، އެ ކުންފުންޏަށް މަރުޙަބާ ވެސް ވިދާޅުވިއެވެ.
ދެމެހެއްޓެނިވި މަޝްރޫޢުތަކަށް ޚާއްޞަ މާލީ ޚިދުމަތްތައް ތައާރަފުކުރުމަށް ބޭންކުތަކަށާއި، ކާމިޔާބުކުރެވޭނެ ހުށަހެޅުންތައް ތައްޔާރުކުރުމަށް ވިޔަފާރިތަކަށް މިނިސްޓަރު ގޮވާލެއްވިއެވެ. ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެވޭނީ ހިންގާ މަޝްރޫޢުތަކާއި އޭގެ ނަތީޖާއިން ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ