ކެފޭއެއްގެ ތެރޭގައި ތިން ގަޑިއިރު ވަރަކަށް ބަޔަކު ހިފަހައްޓައި، ބިރުދައްކައި އަނިޔާކުރި ތުހުމަތުގައި ހައްޔަރުކުރި ގއ. މާމެންދޫ، އިފްހާމް އަހުމަދު (19) ގެ ބަންދު 20 ދުވަހަށް ކްރިމިނަލް ކޯޓުން ޖައްސައިފި އެވެ.
އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި މާރާމާރީ ހިންގުމާއި ބިރުދެއްކުން، ޖިނާއީ މަޖުބޫރުކުރުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން ހިމެނެ އެވެ. ދިފާއީ ވަކީލް އެދުނީ ޝަރުތުތަކާއެކު އޭނާ ދޫކޮށްލުމަށް ނަމަވެސް، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ ކޯޓުން ބަންދު ޖެއްސީ އެވެ.
ފުލުހުން ކޯޓަށް ބުނެފައިވާ ގޮތުގައި، އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފިނަމަ ބިއްލޫރިފުޅިއަކުން ޖަހާނެކަމަށް ބުނެ އޭނާ ބިރުދައްކާފައިވެ އެވެ. އަދި އެ ފަރާތްތަކުގެ ގަދަރާއި އަބުރަށް އުނިކަން އަންނަ ގޮތަށް އެހެން މީހުންގެ ކުރިމަތީގައި ފޯނުން ވީޑިއޯ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ އަނިޔާ ލިބުނު ފަރާތުގެ އަދި ހެކިންގެ ބަޔާންތަކާއި، މެޑިކޯ ލީގަލް ރިޕޯޓު، އަނިޔާތައް ފެންނަ ފޮޓޯ ރިޕޯޓާއި ސީސީޓީވީ ފޫޓޭޖުގެ ސްނެޕްޝޮޓްތަކެވެ.
ކޮމެންޓު ފޮނުވާ