ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރެވޭނީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެސްގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޗެއާޕަރސަން ނަޝީދު ވިދާޅުވީ، ރިޔާސީ ނިޒާމުގައި ދައުލަތުގެ ބާރުތައް ހުންނަނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ވެސް ރައީސަށް ލިބިއްޖެނަމަ، އެހެން ހުރިހާ ބާރެއް ވެސް ރައީސަށް ނެންގެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ހުދުމުޚުތާރުކަން އިތުރުވެ، މަޝްވަރާގެ ފުރުސަތު ކުޑަވެ، ރައްޔިތުންނަށް އެންމެ ފައިދާހުރި ނިންމުންތައް ނުނިންމެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ސިއްރު ވޯޓަކުން ހޮވަން ޖެހޭ ކަމަށާއި، ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާގެ މަގާމުގައި ވަކިވަކި ދެ ބޭފުޅުން ތިއްބަވާ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށެވެ.
ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް "ބޮޑު ބަދަލު"ގެ ނަމުގައި ފަލްސަފާއެއް ރައްޔިތުންނަށް ހުށަހަޅަމުން ގެންދަވައެވެ. އެ ފަލްސަފާގެ ދަށުން ސަރުކާރުގެ ވެރިޔާ ހޮވާނީ ސީދާ ރައްޔިތުންގެ ވޯޓުންނެވެ. ދައުލަތުގެ ވެރިޔާ ހޮވާނީ އެކި ދާއިރާތަކުން ހޮވާ ބޮޑު މަޖިލީހަކުންނެވެ. ފަނޑިޔާރުންގެ މަގާމު އުމުރަށް ދެމިގެންދާ ގޮތަށާއި، ރައްޔިތުންގެ ސިއްރު ވޯޓަކުން މެނުވީ އެމީހުން މަގާމުން ވަކިނުކުރެވޭ ގޮތަށް ހެދުން ވެސް މި ފަލްސަފާގައި ހިމެނެއެވެ. އަދި ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންގެ ރުހުމެއް ނެތި ބައެއް ގާނޫނުތަކަށް ބަދަލު ނުގެނެވޭ ގޮތަށް ހެދުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ