ރަޝިޔާގެ އެމެރިކާ ސަފީރު ޑާޗިއެވް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ރަޝިޔާގެ އެމެރިކާ ސަފީރު ޑާޗިއެވް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

Author
އަހުމަދު
12 ނޮވެމްބަރ 2026 01:27
0

 

އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނެވި ރަޝިޔާގެ ސަފީރު އެލެކްޒެންޑަރ ޑާޗިއެވް، 66 އަހަރުގެ އުމުރުގައި މޮސްކޯގައި ކުއްލިއަކަށް އަވަހާރަވެއްޖެއެވެ.

ޑާޗިއެވް އަވަހާރަވިކަން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން އިއުލާން ކުރީ ބުދަ ދުވަހު ނެރުނު ބަޔާނަކުންނެވެ. ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަހާރޯވާ ވިދާޅުވި ގޮތުގައި، ދިގު މުއްދަތެއްގެ ބަލިއަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އޭނާ އަވަހާރަވީއެވެ. އެ ފަރުވާ ހޯއްދެވުމަށް އޭނާ ވޮޝިންޓަން ޑީސީގެ ރަޝިޔާ އެމްބަސީއިން މޮސްކޯއަށް އެނބުރި ވަޑައިގެންނެވީއެވެ. ޚާރިޖީ ވުޒާރާއިން ޑާޗިއެވް ސިފަކުރީ ގައުމުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އުނދަގޫ މަސައްކަތްތަކުގައި ޚިދުމަތްކުރެއްވި ޤާބިލު ޑިޕްލޮމެޓެއްގެ ގޮތުގައެވެ. ވުޒާރާއިން އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުވިއެވެ.

ހުޅަނގުގެ ޤައުމުތަކަށް ހަރުކަށި ފާޑުކިޔުންތައް ކުރައްވާ ތަޖުރިބާކާރު ޑިޕްލޮމެޓެއްގެ ގޮތުގައި ޑާޗިއެވް މަޝްހޫރެވެ. އޭނާ އެމެރިކާގެ ސަފީރުކަމާ ހަވާލުވެވަޑައިގެންނެވީ 2025 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އޭނާ ސަފީރުކަން ކުރެއްވި މުއްދަތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މޮސްކޯއާއެކު މަޝްވަރާތައް ފައްޓަވައި ޔޫކްރެއިނަށް ދޭ އެހީ މަދުކުރެއްވުމާ ގުޅިގެން ދެ ޤައުމުގެ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވެއެވެ.

ޑާޗިއެވް ވަނީ މީގެ ކުރިން ރަޝިޔާގެ ޚާރިޖީ ވުޒާރާގައި އުތުރު އެމެރިކާއާ ބެހޭ ޑިޕާޓްމަންޓުގެ ވެރިޔާގެ މަޤާމުގައި ހިދުމަތްކުރައްވާފައެވެ. އަދި 2014 އިން 2021 އާ ހަމައަށް އޭނާ ކެނެޑާއަށް ރަޝިޔާގެ ސަފީރުކަމުގައި ހުންނެވިއެވެ.

ރަޝިޔާގެ އިސް ޑިޕްލޮމެޓަކު ކުއްލިއަކަށް އަވަހާރަވީ މިއީ ފުރަތަމަ ފަހަރަކު ނޫނެވެ. 2017 ވަނަ އަހަރު އދ. އަށް ރަޝިޔާގެ ސަފީރުކަމުގައި ހުންނެވި ވިޓާލީ ޗާކިން، 64 އަހަރުގެ އުމުރުގައި ހިތުގެ ބަލިޖެހިގެން އަވަހާރަވިއެވެ. އޭރު އޭނާގެ 65 ވަނަ އުފަންދުވަހަށް ބާކީ އޮތީ އެއް ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.