ސައުދުގެ މައްޗަށް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތައް: އެމްޑީޕީ

ސައުދުގެ މައްޗަށް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތައް: އެމްޑީޕީ

Author
އަހުމަދު
12 ނޮވެމްބަރ 2026 01:25
0

 

ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ވަގުތުން އަނބުރާ ގެންދަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ. އެ ޕާޓީން ބުނާ ގޮތުގައި މިއީ އެއްވެސް އަސާސެއް ނެތި، ސިޔާސީ ނިޔަތުގައި އުފުލާފައިވާ ދައުވާތަކެކެވެ.

ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ސެޕްޓެމްބަރު މަހު ސައުދުގެ މައްޗަށް ދައުލަތުން ދެ ދައުވާ އުފުލި އެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ. ފުރަތަމަ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ދެވަނަ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގެ ޝަރީއަތް ފެށީ މި މަހުގެ 1 ވަނަ ދުވަހު އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، މި ދައުވާތައް ބިނާކޮށްފައިވަނީ ކައުންސިލުން ނިންމި ނިންމުމަކަށް ކަމަށެވެ. ކައުންސިލުގެ ނިންމުމަކަށް މޭޔަރު ފަރުދީ ގޮތުން ޒިންމާކުރުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެއެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކި ފުދޭ މިންވަރަށް ނެތް ކަމަށް ވެސް އެމްޑީޕީން ފާހަގަކުރި އެވެ. ފުލުހުންނާއި ޕީޖީ އޮފީހުން މި މައްސަލައިގައި އަމަލުކުރީ އާދަޔާ ހިލާފު ބާރުމިނެއްގައި ކަމަށާއި، ކޯޓުން ވެސް އަވަހަށް ހުކުމް ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެ ޕާޓީން ތުހުމަތުކުރި އެވެ.

ބަޔާނުގައިވާ ގޮތުން މި ދައުވާތައް ހުށަހެޅީ، ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާންމުކޮށް އިންޒާރެއް ދީފައި ކުޑަ ދުވަސްކޮޅަކުން އެވެ. އެ އިންޒާރަކީ ސައުދު އަލުން މޭޔަރުކަމަށް ހޮވިގެން ދިޔަޔަސް އޭނާގެ މަގާމު ގެއްލި ޖަލަށް ލާނެ ކަމެވެ. ސަރުކާރުން މިފަދަ ބިރުދެއްކުންތައް ހިންގިޔަސް ޕާޓީގެ މެންބަރުން ފަސްނުޖެހޭނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ތިނަދުއަށް ސިޓީގެ ދަރަޖަ ދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ބޭއްވި ކެމްޕެއިން ޖަލްސާއެއްގަ އެވެ. ސިޓީއެއްގެ ދަރަޖަ ލިބުމަށް 10،000 މީހުންގެ އާބާދީ ބޭނުންވެ އެވެ. އޭރު ޑީއެންއާރުގެ ހިސާބުތަކުން ރަށުގެ އާބާދީ ދެއްކީ 7،906 މީހުންނެވެ. ނަމަވެސް ފަހުން އިލެކްޝަންސް ކޮމިޝަނުގެ ރިޕޯޓުގައި އެ އަދަދު 10،150 އަށް އަރާފައިވުމުން އޭރު ވެސް ސުވާލު އުފެދުނެވެ.

މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް ސައުދު ވަނީ ތިނަދޫގެ މޭޔަރުކަން ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.