މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ޖަލު ހުކުމުގެ ބާކީ ބައި ގޭބަންދުގައި ހޭދަކުރުމަށް ދެއްވި ހުއްދައާ މެދު ސުވާލު އުފެއްދުމަކީ ރަސްކަމުގެ އަމުރަކާ ދެކޮޅުހެދުމުގައި ބެލެވިދާނެ ކަމަށް ރަސްގެފާނު ސުލްތާން އިބްރާހީމް އިއްޔެ އިންޒާރު ދެއްވައިފި އެވެ.
ގަނޑުވަރުން ނެރުނު ބަޔާނެއްގައި ރަސްގެފާނު ވިދާޅުވީ، އެ ނިންމެވުމަކީ ސާފު އަދި ސަރީހަ ނިންމެވުމެއް ކަމަށާއި، ދެއްވާފައިވާ ލުޔަށް އަމަލުކުރުން ލަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މާފު ދޭ ބޯޑުގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލާއި ފެޑެރަލް ޓެރިޓަރީޒް މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންފައިވާ ކަން ރަސްގެފާނު ފާހަގަކުރެއްވި އެވެ.
މާފާއި ކޯޓު އަމުރު މާނަކުރުމުގައި ގާނޫނީ ސުވާލުތަކެއް ހުރި ކަމަށް ބުނެ، ނަޖީބު ގެއަށް ބަދަލުކުރުން އޭޖީގެ އޮފީހުން ހުއްޓުވިތާ އެއް ދުވަސް ފަހުން ރަސްގެފާނު މި އިންޒާރު ދެއްވީ އެވެ. މާފުގެ ޝަރުތެއް ކަމަށްވާ 50 މިލިއަން ރިންގިޓް (12 މިލިއަން ޑޮލަރު)ގެ ޖޫރިމަނާ ނަޖީބުގެ ޕާޓީން ދެއްކުމުން، ހުކުރު ދުވަހު އޭނާ ގެއަށް ބަދަލުކުރާނެ ކަމަށް ބެލެވުނެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އޮފީހުން ބުނީ، ރަސްގެފާނުގެ ބަޔާނަށް ފަހު އޭޖީ ވަނީ ރަސްގެފާނުގެ އަރިހުން މާފަށް އެދި، ގާނޫނީ ކަންބޮޑުވުންތައް ތަފްސީލުކޮށްދެއްވުމަށް ބައްދަލުވުމަކަށް އެދިވަޑައިގެންފައި ކަމަށެވެ. ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރި އޭޖީގެ އޮފީހުން ބުނީ، މާފަށް ނުކިޔަމަންތެރިވާ ކަމެއް ނެތް ނަމަވެސް، ނަޖީބުގެ ހުކުމްތަކަށް ކުރާނެ އަސަރާ މެދު ކޯޓުން ސާފު މާނަކުރުމެއް ބޭނުންވާ ކަމަށެވެ.
1އެމްޑީބީ މައްސަލައިގައި 2022 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުރި ނަޖީބުގެ ފުރަތަމަ ހުކުމުގައި ބާކީ އޮތީ ގާތްގަނޑަކަށް ދެ އަހަރެވެ. އެއާ ގުޅުންހުރި އެހެން މައްސަލައެއްގައި މިދިޔަ އަހަރު އޭނާއަށް އިތުރު 15 އަހަރުގެ ހުކުމެއް ވެސް އިއްވާފައިވާއިރު، ގޭބަންދުގެ މުއްދަތު ހަމަވުމުން އެ ހުކުމް ތަންފީޒުކުރަން ފަށާނެ އެވެ. ނަމަވެސް ނަޖީބު ވަނީ އެ ހުކުމް އިސްތިއުނާފުކޮށްފަ އެވެ. ނަޖީބު ވިދާޅުވަނީ އޭނާ އެއްވެސް ކުށެއް ކުރައްވާފައި ނުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ