ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމުގެ ފުރުޞަތު 65 އަހަރުން މަތީގެ މީހުންނަށް ވެސް ހުޅުވާލައިފިއެވެ. ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިޞްލާޙުގެ ދަށުން އެކުލަވާލި ގަވާއިދަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.
މީގެ ކުރިން، 65 އަހަރުން މަތީގެ މީހުންނާއި ޖާގަ ކަށަވަރުވާއިރު 65 އަހަރު ފުރިފައިވާ މީހުންނަށް މި ފުރުޞަތު ނުލިބެއެވެ.
ޕެންޝަން އޮފީހުން ބުނާ ގޮތުގައި، ޝަރުތު ހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާނުކޮށް، އާރް.އެސް.އޭ ގައި މަދުވެގެން 336،000 ރުފިޔާ ހުންނަ މެންބަރުންނަށެވެ. ބޯހިޔާވަހިކަމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، އެ ޢަދަދު އުނިކުރުމަށްފަހު ވެސް 336،000 ރުފިޔާ ހުންނަން ޖެހެއެވެ.
ޙައްޖަށް ދާން ބޭނުންވާ މެންބަރުން ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދައްކައި، ބާކީ ފައިސާ ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ. އެ ފައިސާ އެކައުންޓުން ވަގުތުން އުނިނުކުރާއިރު، ކޯޕަރޭޝަނާ ޙަވާލުކުރާހާ ހިނދަކު އިންވެސްޓްކުރެވެމުން ދާނެއެވެ. ނަމަވެސް، ރިޒާވްކުރާ ފައިސާ ޕެންޝަން ހިސާބުކުރުމުގައި ނުހިމެނޭތީ، މަހުން މަހަށް ލިބޭ ޕެންޝަނަށް ބަދަލު އައުން އެކަށީގެންވެއެވެ. ރިޒަވޭޝަން ކެންސަލްވެއްޖެނަމަ، ޕެންޝަން އަލުން ހިސާބުކުރާނެއެވެ.
ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ދޫކުރަނީ އަހަރަކު 1،000 މީހުންގެ ޙައްޖު ކޯޓާއެކެވެ. ފައިސާ ދައްކައި ތިން އަހަރުވެފައިވާ 70 އަހަރުން މަތީގެ 324 މީހުން އަންނަ އަހަރު ޙައްޖަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު އިޢުލާންކުރިއެވެ.
ކޮމެންޓު ފޮނުވާ