މަހުދީގެ ހިތްވަރަށް އިޓަލީގެ އެންމެ މަތީ ޝަރަފު، އާއިލާއާ ހަވާލުކޮށްފި

މަހުދީގެ ހިތްވަރަށް އިޓަލީގެ އެންމެ މަތީ ޝަރަފު، އާއިލާއާ ހަވާލުކޮށްފި

Author
އަހުމަދު
05 ނޮވެމްބަރ 2026 10:20
0

 

ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަސް ޑައިވަރަކު ހޯދުމުގެ އޮޕަރޭޝަނުގައި ނިޔާވި ސިފައިންގެ ސާޖަންޓް ފަސްޓްކްލާސް މުހައްމަދު މަހުދީގެ ހަނދާނަށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އޭނާގެ އާއިލާއާ ހަވާލުކޮށްފި އެވެ.

ރާއްޖެއާއި އިޓަލީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުމާއި، އިޓަލީގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފުލާގައި، އެ ޝަރަފުގެ ލިޔުން މަހުދީގެ އާއިލާއާ ހަވާލުކޮށްދެއްވީ ރާއްޖެއާއި ސްރީލަންކާއަށް އިޓަލީން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އެވެ. ހަފުލާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސަރުކާރުގެ އިސް އިތުރު އޮފިޝަލުން ވެސް ބައިވެރިވި އެވެ.

މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ހޯދައިދިނުމަށް އިޓަލީ ސަރުކާރުން ފަންޑް ރެއިޒިން ހަރަކާތެއް ވެސް ފަށައިފި އެވެ. ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި ރާއްޖޭގައި ހުންނަ އޮނަރަރީ ކޮންސުލްގެ އޮފީސް ގުޅިގެން ހިންގާ މި ހަރަކާތަށް، މޯލްޑިވްސް އިސްލާމިކް ބޭންކުގައި "މަހުދީ މެމޯރިއަލް ފަންޑު" ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އެމްބަސީން ބުނީ ފަންޑްރެއިޒިން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މިދިޔަ މޭ މަހު ވ. އަލިމަތާ ކައިރީގައި 60 މީޓަރު އަޑީގައިވާ ކޭވްއެއް ބަލަން ގޮސް ގެއްލުނީ އިޓަލީގެ ހަތަރު ޓޫރިސްޓުންނާއި، އެ މީހުން ގޮވައިގެން ދިޔަ ސަފާރީގެ އިޓަލީ ޑައިވިން އިންސްޓްރަކްޓަރެވެ. އެ މީހުން ހޯދުމުގެ މަސައްކަތުގައި ޑީކޯ ވެގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަހުދީ ނިޔާވި އެވެ.

މަހުދީގެ މަރާއެކު އޮޕަރޭޝަން މެދުކަނޑާލި ނަމަވެސް، ފަހުން ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް އެމްއެންޑީއެފާއި ފުލުހުންގެ އެހީގައި ހަށިގަނޑުތައް ނަގައި އިޓަލީއަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.