ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރެއްވުމަށް އެދި ހުށަހެޅުއްވި އެދުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ޤަބޫލުކޮށްފިއެވެ. ކޮމިޝަނުން ނިންމީ، އެ ބޭފުޅާ ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމަށެވެ. އެ ނިންމުމާއި އެއްގޮތަށް ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުންނެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި އެދުން ހުށަހެޅުއްވީ ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ. ގަވާއިދުގެ ދަށުން ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު، މި އެދުން ފާސްކުރީ އޮކްޓޫބަރު 28 ގައި ބޭއްވި ކޮމިޝަނުގެ ޖަލްސާގައެވެ. މި ނިންމުމާއެކު ސުޕްރީމް ކޯޓުގައި ހުސްވާ ފަނޑިޔާރެއްގެ މަގާމަށް ބޭފުޅަކު ހޮވުމަށް ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއާތުތައް ފަށާފައިވާ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.
ޝަރުޢީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަލީ ރަޝީދު، 2002 ވަނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުން ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައިވެއެވެ. 2006 ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވަރސިޓީން ޝަރީޢާއިން މާސްޓަރސް ޑިގްރީވެސް ފުރިހަމަ ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ