ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު ހޯދަން ޖޭއެސްސީން އިއުލާންކޮށްފި

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު ހޯދަން ޖޭއެސްސީން އިއުލާންކޮށްފި

Author
އަހުމަދު
05 ނޮވެމްބަރ 2026 12:03
0

 

ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާވާން އޮތުމުން ހުސްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާވުމަށް ހުށަހެޅުއްވި އެދުން ބަލައިގަނެ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކަލޭގެފާނު ރިޓަޔާކޮށްދޭން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށް ކުރި މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުން، އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖޭއެސްސީން އެދިފައިވެ އެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހަމަޖައްސަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ފޮނުއްވާ ނަންތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މަހަކު 59,700ރ. ގެ މުސާރައާއި 25,000ރ. ގެ ލިވިންގ އެލަވަންސް އަދި 3,300ރ. ގެ ރިސްކް އެލަވަންސް ލިބޭއިރު، ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ވެސް ލިބެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.