މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 މުހިންމު ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި ގަރާރު، ރައްޔިތުންގެ މަޖިލީހުން މިއަދު ރުޅާލައިފިއެވެ.
މި ގަރާރު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. ގަރާރު ބަލައިގަނެ ބަހުސްކުރުމަށް ނެގި ވޯޓުގައި 63 މެންބަރުން ބައިވެރިވި އިރު، އެއަށް ތާއީދުކުރީ 11 މެންބަރުން ކަހަލަ ކުޑަ ޢަދަދެކެވެ. 52 މެންބަރަކު ދެކޮޅަށް ވޯޓު ދެއްވިއެވެ.
ގަރާރުގައި ފާހަގަކޮށްފައިވަނީ، މަސް މާރުކޭޓާއި ސުލްޠާން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭ ގޮތަށް 14 ބިމެއް ދައުލަތުގެ ބެލުމަށް ގެންދަން ހައުސިންގ މިނިސްޓްރީން ނިންމީ ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށެވެ. މި ބިންތަކަކީ މާލެއާއި ވިލިމާލޭގެ ތަރައްޤީއަށާއި އަސާސީ ޚިދުމަތްތައް ފުޅާކުރުމަށް ކައުންސިލަށް ނުވެވޭ ވަރުގެ ބިންތަކެއް ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
އެ ބިންތަކުން ކައުންސިލަށް ލިބޭ އާމްދަނީ ހޭދަކުރަނީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށާއި އިދާރީ ޚަރަދުތަކަށެވެ. ޕާކިންގ އިމާރާތްތަކާއި ހިތްފަސޭހަ ސަރަހައްދުތައް ފަދަ މަޝްރޫޢުތައް އެ ބިންތަކުގައި ހިންގަން ކައުންސިލުން ތައްޔާރުވަމުން ދަނިކޮށް ސަރުކާރުން ބިންތައް ނެގުމަކީ ކައުންސިލުގެ ބާރުތައް ހަނިކޮށް، މާލޭގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ގަރާރެއް ބަހުސްކުރުމުގެ ކުރިން އެ ގަރާރު ބަލައިގަތުމަށް ވޯޓަކަށް އަހަން ޖެހޭ ގޮތަށާއި، ފާސްނުވެއްޖެނަމަ ވަގުތުން ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާޙު ގެނައުމަށް ފަހު، އިދިކޮޅުން ހުށަހެޅި ގަރާރުތަކުގެ ތެރެއިން މިގޮތަށް ބާތިލުވި ދެވަނަ ގަރާރަކީ މިއީއެވެ.
ކޮމެންޓު ފޮނުވާ