އިސްރާއީލަށް އެމެރިކާއިން ދެމުންދާ އަސްކަރީ އެހީ މި އަހަރު ނިމުމުގެ ކުރިން ހުއްޓާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އަހަރަކު 4 ބިލިއަން ޑޮލަރު ދެމުން އައި މި އެހީ ހުއްޓާލަން މަސްތަކެއް ކުރިން ނިންމާފައިވާ ކަމަށާއި، ދެން އިސްރާއީލަށް އެ އެހީ ބޭނުމެއް ނުވާނެ ކަމަށެވެ. ވާތު ފިޔައިގެ ސިޔާސީ ފަރާތްތަކާއި ޑިމޮކްރެޓުން ރިޕަބްލިކަނުންނަށް ފާޑުކިއުމަށް މި މައްސަލަ ބޭނުންކުރާ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ބޭނުންވާ ހާލަތެއްގައި އިސްރާއީލަށް އެހީތެރިވާނެ ކަމަށާއި، ދެ ގައުމުގެ ގުޅުން ވަރުގަދަ ކަމަށް ޓްރަމްޕް ފާހަގަކުރިއެވެ.
ހޯރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގޭޝްމް ރަށަށް އެމެރިކާއިން ހަމަލާދިން ކަމަށްވެސް ޓްރަމްޕް ކަށަވަރުކޮށްދިނެވެ. އެއީ އީރާނުން އާކޮށް ބިނާކުރި އެންޓި-އެއާކްރާފްޓް ވަސީލަތްތަކަށް އަމާޒުކޮށްގެން ދިން ކުޑަ ހަމަލާއެއް ކަމަށް އޭނާ ބުންޏެވެ. މިޑްޓާމް އިންތިޚާބަށްފަހު އީރާނުގެ ގިނަ ބަޔަކު މެރުމުގެ ނިޔަތެއް ނެތް ނަމަވެސް، މަޖުބޫރުވެއްޖެނަމަ ވަރުގަދަ ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދިނެވެ.
ދެވަނަ ބޮޑުހަނގުރާމައިން ފެށިގެން އެމެރިކާގެ ޚާރިޖީ އެހީ އެންމެ ގިނައިން ލިބިފައިވަނީ އިސްރާއީލަށެވެ. މިހާތަނަށް 175 ބިލިއަން ޑޮލަރާ ގާތްގަނޑަކަށް ލިބިފައިވާއިރު، އޮބާމާގެ ރިޔާސަތުގައި ސޮއިކުރި ފަހުމުނާމާގެ ދަށުން 2019 އިން 2028 އަށް އަހަރަކު 3.8 ބިލިއަން ޑޮލަރު ދެއެވެ. އަދި އޮކްޓޯބަރު 7، 2023 ގެ ފަހުން މަދުވެގެން 21.7 ބިލިއަން ޑޮލަރުގެ ސީދާ އަސްކަރީ އެހީ ދީފައިވާ ކަމަށް ބްރައުން ޔުނިވަރސިޓީގެ "ކޮސްޓްސް އޮފް ވޯ" ޕްރޮޖެކްޓުން ބުނެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ޤަތުލުއާއްމުގައި 74,000 އަށްވުރެ ގިނަ ފަލަސްތީނީން ޝަހީދުވެ، 175,000 އަށްވުރެ ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ. 2025 އޮކްޓޯބަރު 10 ގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ހެދުނުފަހުން ވެސް 1,580 މީހުން ޝަހީދުވެ، 5,711 މީހުން ޒަޚަމްވެފައިވެއެވެ.
ކޮމެންޓު ފޮނުވާ