އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން ޝާއިއު ކުރި އެޖެންޑާގައިވާ ގޮތުން، މާދަމާގެ ޖަލްސާގައި އެންމެ ފުރަތަމަ ނަގާނީ މި މައްސަލަ އެވެ. ސައީދަށް ޖަވާބު ދެއްވުމަށް އެއް ގަޑިއިރާއި، މައްސަލައިގެ ބަހުސަށް އެއް ގަޑިއިރު އާންމު ކޮމިޓީން ކަނޑައަޅާފައިވެ އެވެ.
އެމްޑީޕީގެ 13 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ މި މައްސަލާގައި ހަ ސަބަބެއް ފާހަގަކޮށްފައިވެ އެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަރައި ތަކެތީގެ އަގު ބޮޑުވުމާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުމާއި، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން، އަދި ޕްރައިވެޓް ސެކްޓަރަށް ހިމާޔަތް ނުދެވުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވުމާއި، ސައީދު އިއުލާން ކުރެއްވި ބިޔަ މަޝްރޫއުތައް ހުއްޓިފައި ހުރުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.
ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން އެގޮތަށް ވޯޓު ދީގެން އެވެ. މިހާރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ އަތުގަ އެވެ.
ކޮމެންޓު ފޮނުވާ