އާރަށުގެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް ރައީސް ޔާމީން ހައިކޯޓަށް

އާރަށުގެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް ރައީސް ޔާމީން ހައިކޯޓަށް

Author
އަހުމަދު
31 އޮކްޓޯބަރ 2026 09:29
0

 

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތަކާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް އިސްތިއުނާފު ހުށަހަޅުއްވައިފިއެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އޮކްޓޯބަރު 29 ވަނަ ދުވަހު ހުށަހަޅުއްވާފައިވާ މި މައްސަލައަކީ އާރަށުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ނިންމެވި ނިންމުންތަކާ ގުޅޭ މައްސަލައެއް ކަމަށެވެ. އިސްތިއުނާފުކޮށްފައިވަނީ ކާކުކަން ކަށަވަރުނުކުރެވޭ އޯޑިއޯތަކެއް ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެވެ. އެ ހެކި ބަލައިނުގަތުމާއެކު، މިފަދަ ކަންކަމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައަޅައިދިނުމަށް ވެސް ހައިކޯޓަށް އެދިފައިވެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ވެސް ކްރިމިނަލް ކޯޓުން ވަނީ ބަލައިގެންފައެވެ. ހެއްކާބެހޭ ގާނޫނުގެ ދަށުން، ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ފަރާތްތަކުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ބުނެ، މި ދެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް ދިފާޢުން އެދިފައިވިއެވެ. ނަމަވެސް ދައުލަތުން ހުށަހެޅި 21 ހެކިންގެ ތެރެއިން އަހުމަދު ނާޒިމުގެ ހެކި ފިޔަވައި ބާކީ ހުރިހާ ހެކިން ބަލައިގަތުމަށް ކޯޓުން ނިންމިއެވެ.

ދައުވާ ފޯމުގެ ތަފްސީލު ބަދަލުކޮށް ފަހުން ހުށަހެޅި ފޯމަކީ ޖިނާއީ އިޖުރާއަތު ގާނޫނުގެ 91 ވަނަ މާއްދާއާ ޚިލާފު ފޯމެއް ކަމުގައި ކަނޑައަޅައިދިނުމަށާއި، އެއް ޢަމަލަކަށް ދެވަނަ ފަހަރަށް ދައުވާކުރުން ހުއްޓުވުމަށް ރައީސް ޔާމީންގެ ފަރާތުން ކުރި އެދުންތައް ވެސް ކޯޓުން ބަލައިނުގަތެވެ.

ހައިކޯޓުގެ ހުކުމާ އެއްގޮތަށް ހެކި އަލުން ވަޒަންކޮށް ހުކުމަކަށް ވާސިލުވުމަށް ޝަރީޢަތް ކުރިއަށް ގެންދަން ނިންމި ގާޒީ، އާރަށުގެ މައްސަލައިގެ ދެން އޮންނާނެ އަޑުއެހުން ތާވަލުކޮށްފައިވަނީ 12 ނޮވެމްބަރު 2026 ގެ ހެނދުނު 9:00 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.