އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ސާފު ކާމިޔާބީއެއް ނުލިބުމާއެކު، އަރަބި ވޯޓަރުން ވަގަށް ވޯޓު ނަގާފައިވާ ކަމަށް ލިކުޑް ޕާޓީން ތުހުމަތުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ، އަރަބި ރައްޔިތުން ގިނަ ސަރަހައްދުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ވަގަށް ވޯޓު ނެގިކަމުގެ ހެކި ހުރި ކަމަށާއި، އެކަމާމެދު ތަންފީޒީ އިދާރާތަކުން އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ނަމަވެސް، އެ ތުހުމަތަށް ތާއީދުކުރާ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ރިޕޯޓުތަކުގައިވާ ގޮތުން، އަރަބި ޕާޓީތަކުން އިންތިޚާބަށް ނުފޫޒު ފޯރުވިކަމުގެ ހެއްކެއް ފުލުހުންނަށްވެސް ފެނިފައެއް ނުވެއެވެ.
ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ނަތަންޔާހޫގެ ކޯލިޝަނަށް ނުވަތަ އިދިކޮޅު ލީޑަރު ގާދީ އައިސެންކޮޓްގެ އިއްތިހާދަށް، ސަރުކާރު އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އާ ސަރުކާރެއް އެކުލަވާލުމަށް ކުރިއަށް އޮތް ހަފުތާތަކުގައި ދިގު މަޝްވަރާތަކެއް ބޭއްވޭނެ ކަމަށް ބެލެވެއެވެ.
ފަލަސްތީނާ މެދު ނަތަންޔާހޫގެ ސިޔާސަތުތަކަށް ހުރި ނުރުހުމާ ގުޅިގެން، މި ފަހަރު އަރަބި ވޯޓަރުން ނުކުތީ ރެކޯޑު އަދަދަކަށެވެ. ކުރިން 10 ގޮނޑި ލިބިފައިވާ އަރަބި ޕާޓީތަކަށް މި އިންތިޚާބުން 19 ގޮނޑި ލިބުނެވެ. ވޯޓު ގުނަމުން ދަނިކޮށް، އަރަބި ވޯޓަރުން ގިނަ އަދަދަކަށް ނުކުމެފައިވާ ކަމަށާއި، ލިކުޑަށް ވޯޓު ނުދީފިނަމަ މުސްލިމް ބްރަދަހުޑަށް ބާރު ލިބިދާނެ ކަމަށް ބުނެ ނަތަންޔާހޫ ސޯޝަލް މީޑިއާއިން އާންމުންނަށް ވޯޓުލާން ގޮވާލެއްވިއެވެ.
މި ނަތީޖާއަކީ އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައާ މެދު އާންމުންގެ ނުރުހުން ހާމަވާ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ތާއީދުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ