ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލްތައް އެއް ހިންގުމެއްގެ ދަށަށް ގެނައުމުގެ ގޮތުން، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި، އޭގެ ބަދަލުގައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގާއިމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހާއި ޕީއެސްއެމުން ގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ބަދަލުގެ ދަށުން މާލޭގެ ހޮސްޕިޓަލްތަކާއެކު ލ. ގަން، ފުވައްމުލައް، ތިނަދޫ، އައްޑޫ، ކުޅުދުއްފުށި އަދި އުނގޫފާރު ހޮސްޕިޓަލް އެއް ވިއުގައަކުން ހިންގާނެ ކަމަށެވެ.
މިހާރު ކޮންމެ ހޮސްޕިޓަލަކުން ވަކިވަކިން، ތަފާތު އަގުތަކުގައި ތަކެތި ގަންނާތީ، ރީއޭޖެންޓާއި ކޮންސިއުމަބަލްސް ހަލާކުވެގެން އުކާލަން ޖެހޭ ހާލަތްތައްވެސް ދިމާވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއް ނިޒާމެއްގެ ދަށުން ހިންގާއިރު، އެއް ހޮސްޕިޓަލުގައި އިތުރުވާ ތަކެތި ބޭނުންވާ ހޮސްޕިޓަލަކަށް ފޮނުވޭނެތީ ބޭކާރު ހަރަދު ކުޑަވެ، ހިދުމަތުގެ ފެންވަރު މަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތިން ހަތަރު މަހުގެ ތެރޭގައި މި ހޮސްޕިޓަލްތައް ގުޅާލެވޭނެ ކަމަށާއި، މި މަސައްކަތަށް އިތުރު މުވައްޒަފުން ނަގަން ނުޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސިއްހީ ހިދުމަތް ހޯދަން ބޭރަށް ދާން ޖެހުން ކުޑަކޮށް، ރައްޔިތުން ދިރިއުޅޭ ރަށުން ނުވަތަ އަތޮޅުން ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ