ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރަސްމާލޭގައި ބޯހިޔާވަހިކަން ލިބޭނެ: ރައީސް

ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރަސްމާލޭގައި ބޯހިޔާވަހިކަން ލިބޭނެ: ރައީސް

Author
އަހުމަދު
29 އޮކްޓޯބަރ 2026 08:29
0

 

ރަސްމާލޭގައި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ނިއުސް ޗެޓް" ޕްރޮގްރާމްގައި ރައީސް ވިދާޅުވީ، ނަންބަރުތައް ބައްލަވާފައި ކަށަވަރުކުރައްވާފައިވާ ގޮތުން، ރަސްމާލޭގައި ހުށަހެޅި އެންމެންނަށް ފުދޭވަރަށް ޖާގަ ހުރި ކަމަށެވެ. ދުބާއީގެ އީގަލް ހިލްސްއާ ގުޅިގެން ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ޖުމްލަ 58،505 ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 35،930 ފޯމަކީ ފްލެޓަށް އެދި ހުށަހެޅި ފޯމެވެ. 22،575 ފޯމު ހުށަހަޅާފައިވަނީ ގޯއްޗަށް އެދިގެންނެވެ. މި ފޯމުތައް ހައުސިން މިނިސްޓްރީން މިހާރު ދިރާސާކުރަމުން ދެއެވެ.

ރައީސް ވިދާޅުވި ގޮތުގައި އީގަލް ހިލްސްއިން 500 ހެކްޓަރުގައި ހިންގާ މަޝްރޫއާ އެކު މުޅި ރަސްމާލެ ތަރައްގީވެގެންދާނެ އެވެ. ބާކީ 650 ހެކްޓަރު ތަރައްގީކުރުމަށް ހުޅުމާލެ ފަދައިން ދިގު މުއްދަތެއް ނުނަގާނެ ކަމަށާއި، ގިނަވެގެން 10 އަހަރުތެރޭގައި ރަސްމާލެ ވަރަށް ދިރުންހުރި ސިޓީއަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު މިއަހަރުތެރޭގައި ވެރިފައިކޮށް އިއުލާނުކުރާނެ ކަމަށާއި، މާލޭ ސަރަހައްދުގައި އަޅާ ފްލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.