މަހުދީއަށް އިޓަލީގެ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ"

މަހުދީއަށް އިޓަލީގެ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ"

Author
އަހުމަދު
29 އޮކްޓޯބަރ 2026 12:01
0

ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ފުރާނަ ހޭދަކުރި ގައުމީ ދިފާއީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނުގައި، އިޓަލީގެ ސަރުކާރުން އެ ގައުމުގެ އެންމެ މަތީ ޝަރަފުތަކުގެ ތެރެއިން އެއް ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" ދޭން ނިންމައިފިއެވެ.

ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން ނެރުނު ބަޔާނުގައި ބުނީ، މި މެޑަލަކީ އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތަކަށް އިޓަލީން ދޭ އެންމެ މަތީ ޝަރަފު ކަމަށެވެ.

މީގެ އިތުރުން، އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއްވެސް ހުޅުވާލައިފިއެވެ. ޑިސެންބަރު 31ގެ ނިޔަލަށް ހުޅުވާލާފައިވާ މި ފަންޑަށް ހާއްސަ ބޭންކް އެކައުންޓަކުން ފައިސާ ޖަމާކުރެވޭނެއެވެ. ލިބޭ ހުރިހާ ފައިސާއެއް ދެފުށް ފެންނަ އުސޫލަކުން ބަލަހައްޓައި މަހުދީގެ ޝަރުއީ ވާރިސުންނާ ހަވާލުކުރާނެ ކަމަށް އެމްބަސީން ބުންޏެވެ. މަހުދީގެ އާއިލާއަށް ތައުޒިޔާ ކިޔައި، ފަންޑަށް އެހީވާ ހުރިހާ ފަރާތްތަކަށް އެމްބަސީން ޝުކުރުވެސް އަދާކޮށްފިއެވެ.

ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ މަހުދީ މަރުވީ މޭ 16 ވަނަ ދުވަހު، ޑީކޮމްޕްރެޝަން ސިކްނެސްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ. އިޓަލީގެ ފަސް ފަތުރުވެރިން ވ. އަތޮޅު ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް ގެއްލުނީ މޭ 14 ވަނަ ދުވަހުއެވެ. ޖުމުލަ ހަ މީހުންގެ ފުރާނަ ގެއްލުނު މި ހާދިސާގައި މަރުވި ފަތުރުވެރިންގެ ހަށިގަނޑުތައް ފަހުން ހޮހަޅައިގެ ތެރެއިން ނަގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.