މެދުއިރުމަތީގެ ހަނގުރާމަ ނިންމާލައި، ހުރުމުޒު ކަނޑުއޮޅި މުދާ އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލުމަށް ހަތް ދުވަހުގެ ސުލްޙަ ޕްލޭނެއް އީރާނުން ހުށަހަޅައިފިއެވެ. އެ ޕްލޭން ތަންފީޒުކުރުމާ ބެހޭގޮތުން މެދުވެރިންނާ މަޝްވަރާކުރަމުން ގެންދާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ ވިދާޅުވިއެވެ. ޤައުމު ދިފާޢުކުރުމަށް ސިފައިން ތައްޔާރަށް ތިބި ނަމަވެސް، ސުލްޙައަށް ފުރުޞަތު ދޭ ކަމަށް ވެސް އަރާޤްޗީ ވިދާޅުވިއެވެ.
ހުރުމުޒު ހުޅުވާލުމަށް އީރާނުން ކުރާ ޝަރުޠުތަކުގެ ތެރޭގައި ސަރަޙައްދުގައި ހަމަލާތައް ހުއްޓާލުމާއި، ބޭރުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާއި، ތެލުގެ ދާއިރާއަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއި، އެމެރިކާގެ ކަނޑު ބަންދު ނިންމާލުން ހިމެނެއެވެ.
ޤަޠަރުން ހުށަހެޅި ޚިޔާލުތައް ބަލައިނުގަނެވޭނެ ކަމަށާއި، ނިއުކްލިއަރ ޕްރޮގްރާމާމެދު ދޫ ނުދޭނެ ކަމަށް އީރާނުގެ އިސް މަސްއޫލުވެރިއަކު ބުނެފައިވެއެވެ. ޤަޠަރުން މަސައްކަތްކުރަނީ އދ. ގެ އިންސްޕެކްޓަރުންނަށް ނިއުކްލިއަރ ސައިޓްތަކަށް ވަދެވޭނެ ގޮތް ހަދައިދިނުމުގެ ބަދަލުގައި، އެމެރިކާގެ ފިޔަވަޅުތަކަށް ލުޔެއް ހޯދައިދޭށެވެ.
މީގެ ތެރޭގައި، ނޮވެމްބަރު 3 ގެ މިޑްޓަރމް އިންތިޚާބަށް ފަހު އީރާނާ ދެކޮޅަށް ބޮޑު ޢަސްކަރީ ޙަރަކާތެއް ހިންގުމަށް ތައްޔާރުވާން ގަލްފް ޤައުމުތަކަށް އެމެރިކާއިން އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަނގުރާމައާ ގުޅިގެން ބްރެންޓް ތެލުގެ އަގު ފީޕާއަކަށް 115.36 ޑޮލަރަށް އަރާފައިވާއިރު، މި ހަނގުރާމައަށް 47.1 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ޕެންޓަގަނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ