ގެދޮރު އެޅުމަށް ބޭންކުން ލޯނު ނަގާއިރު ދައްކަން ޖެހޭ ފަސް ޕަސެންޓުގެ އިކުއިޓީއަށް އެހީތެރިވެދޭނެ ސްކީމެއް ތައްޔާރުކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައެވެ. އެ ޕްރޮގްރާމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯއްޗެއް ލިބިފައިވާ މީހަކު، ގެ އަޅަން ލޯނު ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަކުރުމުން، އޭނާއަށް ޖަވާބުދެއްވަމުންނެވެ.
ސްކީމް ވީހާވެސް އަވަހަކަށް ނިންމައި ގިނަ ބަޔަކަށް އެހީ ފޯރުކޮށްދޭން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ފައިސާ ހައުސިން ޓްރަސްޓް ފަންޑުގައި މިހާރުވެސް ހަމަޖައްސާފައިވާ ކަމަށާއި، މި އެހީއަކީ ލޯނެއް ނޫން، އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެއްވެސް ސްކީމަކުން ބޯހިޔާވަހިކަން ލިބިފައިނުވާ މީހުންނަށް އިސްކަން ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ހައުސިން ޓްރަސްޓް ފަންޑު ބޮޑުކޮށް އިކުއިޓީ ފައިނޭންސިން ދިނުމަށް މަސައްކަތްކުރާނެ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ މިދިޔަ ޖޫން 29 ގައެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން 9،003 ގޯތި ދޫކުރަން ނިންމި ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިން ގޯތިތައް 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި ހަވާލުކޮށް ނިމުމަށްފަހުވެސް ގިނަ ގޯތިތައް ބޭނުންނުކުރެވި ހުރިކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ