މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސުގައި އޮތް، އާޓިފިޝަލް ބީޗާއި މަސް މާރުކޭޓު ހިމެނޭ 14 ބިމެއް ހައުސިން މިނިސްޓްރީން ދައުލަތުގެ މިލްކިއްޔާތަށް ނަގައިފި އެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން މި ބިންތައް ނެގީ މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި އިންފްރާސްޓްރަކްޗަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. މި ކަމާ ގުޅޭ ޝަކުވާ ނުވަތަ ހިޔާލު 14 ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެ އެވެ.
ސުލްޠާން ޕާކާއި މިއުޒިއަމް ސަރަހައްދުގައި އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ތަރައްގީކުރާނެ އެވެ. މަސް މާރުކޭޓުގައި އޮފީސް އަދި ވިޔަފާރި ބޭނުމަށް ކުއްޔަށް ދޭނެ އިމާރާތެއް އަޅާއިރު، ލޯކަލް މާރުކޭޓުގައި ޒަމާނީ ވެޓް މާކެޓެއް ބިނާކުރާނެ އެވެ. ކާނިވާ ސަރަހައްދާއި ބޮޑިބަތް ޕާކުގައި މިކްސްޑް-ޔޫސް ކޮމާޝަލް މަޝްރޫއުތައް ހިންގާއިރު، ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިމުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ފެސިލިޓީއެއް ގާއިމުކުރާނެ އެވެ. ރަސްފަންނު ބަލަހައްޓާނީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ، ކައުންސިލާ މަޝްވަރާ ނުކޮށް ސަރުކާރުން މާލޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ބިމާ ބެހޭ ގާނޫނަށް މިފަހުން ގެނައި އިސްލާހާއެކު ސަރުކާރުގެ މަޝްރޫއުތަކަށް ބިން ނެގޭ ނަމަވެސް، ކައުންސިލުގެ އިހުތިސާސުގައިވާ ބިމެއް ނަމަ މަޝްރޫއުގެ ތަފްސީލު ކައުންސިލާ ހިއްސާކޮށް، ކައުންސިލާއި ރައްޔިތުންގެ ހިޔާލު ހޯދަން ޖެހެ އެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލުން ބުނަނީ ސަރުކާރުން އެއްވެސް ލިޔެކިއުމެއް ހިއްސާ ނުކުރާ ކަމަށެވެ.
އާއްމު ދަތުރުފަތުރުގެ އާ ގާނޫނާއެކު 2029 ގެ ނިޔަލަށް މާލޭގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ ކައުންސިލުން އުނިވެފައިވާއިރު، ކައުންސިލަށް އެންމެ ގިނަ އާމްދަނީ ލިބޭ ޓްރެފިކް ފީ ވެސް ދެން ނުލިބޭނެ އެވެ.
ކޮމެންޓު ފޮނުވާ