ހޮރްމޫޒް ކަނޑުއޮޅި ކައިރިން ދަތުރުކުރަމުން ދިޔަ ދެ މުދާ އުފުލާ ބޯޓަކަށް ހަމަލާދީގެން އެ ދެ ބޯޓު އަޑިއަށް ގޮސްފައިވާކަން ކަމާބެހޭ ފަރާތްތަކުން އިއްޔެ ހާމަކޮށްފި އެވެ.
ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީން ބުނީ، ސިންގަޕޫރުގެ ދިދަ ޖަހާފައިވާ ކޮންޓެއިނަރު ބޯޓު 'ޖީއެފްއެސް ޕްރައިޑް' އަޑިއަށް ދިޔައީ، އަންގާރަ ދުވަހު ދިން ހަމަލާއަކާ ގުޅިގެން ބޯޓުގައި ރޯވި އަލިފާން ނިވާނުކުރެވިގެން ކަމަށެވެ. ބޯޓުގައި ތިބި 21 ފަޅުވެރިން ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްކޮށްފަ އެވެ.
އަޑިއަށް ދިޔަ އަނެއް ބޯޓަކީ އެންޓީގާ އެންޑް ބާބިއުޑާގެ ދިދަ ޖަހާފައިވާ 'ކޭޕް ޑާއޯ' އެވެ. މިދިޔަ މަހުގެ 23 ގައި އެ ބޯޓަށް ދިން ހަމަލާގައި އެއް ފަޅުވެރިއަކު މަރުވިއިރު، ބާކީ ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ.
އައިއެމްއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 28 ފެބްރުއަރީގައި އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ފެށުނު ފަހުން ހޮރްމޫޒްގައި އަޑިއަށް ދިޔަ ބޯޓުގެ އަދަދު މިހާރު ތިނަކަށް އަރާފައިވެ އެވެ. ފާއިތުވި 10 ދުވަހު މުދާ ބޯޓުތަކަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އީރާނުން ބުނަނީ މިއީ މިދިޔަ މަހު އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް ދޭ ރައްދެއް ކަމަށެވެ.
ސިންގަޕޫރުން ވަނީ މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށް ބުނެ، ބޮޑު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅީގައި ނުރައްކާ ކުރިމަތިވެފައިވަނީ ހަމައެކަނި ތެޔޮ ބޯޓުތަކަށް ނޫން ކަމަށާއި، ކޮންޓެއިނަރު ބޯޓުތަކާއި އެހެނިހެން މުދާ ބޯޓުތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ކަނޑުމަތީގެ ރައްކާތެރިކަމާ ބެހޭ ކުންފުނި މެރިސްކްސްއިން އިންޒާރުދީފައިވެ އެވެ.
ކޮމެންޓު ފޮނުވާ