ދިހަތިން އަހަރު ކުރިން މާލޭގައި ހުސައިން ވަހީދު މަރާލި މައްސަލާގައި ކުށް ސާބިތުވި ކުޑަކުއްޖެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، 18 އަހަރު ނުފުރޭ ކުދިންގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުން ގާނޫނުން މަނާކޮށްފައިވާތީ އެ ހުކުމް ބާތިލުކުރަން ޖެހޭ ކަމަށެވެ. ހައި ކޯޓުން ތާއީދުކުރި ހުކުމް ބާތިލުކޮށް، އަލުން އަދަބު ކަނޑައެޅުމަށް މައްސަލަ ޖުވެނައިލް ކޯޓަށް ފޮނުވާފައިވެ އެވެ. ގާނޫނުގެ ދަށުން މި ކުއްޖާއަށް ދެވޭނީ، މަރުގެ އަދަބު ފިޔަވައި އޮންނަ އެންމެ ބޮޑު އަދަބުގެ ހަތަރުބައިކުޅަ ތިންބަޔަށް ވުރެ ބޮޑު ނޫން އަދަބެކެވެ.
2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު މ. އައިޝާގައި ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ހުކުމްކޮށް، ހައި ކޯޓުން އެ ހުކުމް ތާއީދުކުރިއެވެ. އަނެއް ކުއްޖާގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން 2024 ވަނަ އަހަރު ބާތިލުކުރީ، ހުސައިންގެ މަންމަ އެ ކުއްޖާއަށް މާފުދިނުމުންނެވެ.
ދެ މީހުންނަށް މިހާރު 18 އަހަރު ފުރިފައިވީނަމަވެސް، ކުށްކުރިއިރު ކުޑަކުދިން ކަމަށްވާތީ އެމީހުންގެ މަޢުލޫމާތު އާންމުކުރުން ގާނޫނުން މަނާ ކަމެކެވެ.
ކޮމެންޓު ފޮނުވާ